Last Updated: November 24, 10:30
Sunday, November 24, 2024
ރިޕޯޓް

ފޭރު ފަތަކީ އިސްތަށި ފޭބުމަށް ފަރުވާއެއް!

ފޭރު ގަހަކީ ރާއްޖޭގައި ވެސް ވަަރަށް އާންމު ގަހެކެވެ. އެކަމަކު ފޭރު ގަހުން ލިބޭ މޭވާ ފިޔަވައި އެ ގަހުން ލިބޭ އިތުރު ފައިދާތައް އާންމުންނަނަށް އެހާ ބޮޑަކަށް ނޭނގެ އެވެ.

ސިއްހީ ތަޖުރިބާކާރުން މިހާރު ބުނަނީ ފޭރު ފަތަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު ފަރުވާއެއް ކަމަށެވެ.

ބޮލުން އިސްތަށި ފޭބުމަކީ ދެ ޖިންސުގެ މީހުންގެ މެދުގައި ވެސް ވަަރަށް ބޮޑު މައްސަލައެކެވެ. އަދި ގިނަ ބަޔަކު އެހާމެ ކަންބޮޑުވާ މައްސަލައެކެވެ.

ތަލަވުމުގެ ބިރު ފިރިހެނުންނަށް އޮތުމާ އެކު އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށް ފިރިހެނުން ވިސްނާ މިންވަރު ވެސް ކުޑައެއް ނޫނެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ފޭރު ފަތުގެ ދިޔައަކީ އިސްތަށި ފޭބުން ދުރުކޮށްދޭ އަޖައިބެއް ކަހަލަ އެއްޗެކެވެ.

އެހެންވެ މީގެ ބޭނުން ގަވައިދުން ކުރަން ފަށައިފި ނަމަ އިސާހިތަކު ތަފާތުތަކެއް ފެންނަން ފަށާނެ އެވެ.

ދެން އުފެދޭ ސުވާލަކީ އިސްތަށިގަނޑަށް ފޭރު ފަތް ބޭނުން ކުރާނީ ކިހިނެއްތޯ އެވެ؟ ޖަވާބު ވަރަށް ފަސޭހަ އެވެ. ކޮށްލަން ޖެހޭ މަސައްކަތް ވެސް އެހާމެ ލުއިވެފައި ފަސޭހަ އެވެ.

ހަދަން ޖެހޭ ގޮތަކީ ފޭރު ފަތް ރީތިކޮށް ދޮވެލާފައި ހޫނު ފެނުގައި 20 މިނިޓެއްހާ އިރު ކައްކާނީ އެވެ.

ފޭރު ފަތް ކައްކާނީ އިސްތަށިގަނޑަށް ބޭނުން ކުރެވޭ ވަރަށެވެ. އެކަން އަމިއްލަ އަށް ވަަޒަންކޮށްލެވޭނެ އެވެ.

ރަނގަޅަށް ކެކުނީމާ އެއްޗެއްގެ ތެރެއަށް ފެން ފުރާނައިލާށެވެ. ފަތްތައް އުކާލާނީ އެވެ.

މީގައި މުހިއްމު އެއްޗަކީ ފޭރު ފަތުގެ ފެނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފަތުން އުފެދުނު ޓޮނިކެވެ.

ދެން މި ޓޮނިކް އިސްތަށިގަނޑުގައި އަދި ބޮލުގެ ހަމުގައި ރަނގަޅަށް ހޭކޭ ވަަރަށް އުނގުޅާފައި މަސާޖް ކުރާށެވެ. އިރުގަނޑެއްކޮށްލާފައި ދޮވެލާނީ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ މީގެ ފައިދާ އެންމެ ބޮޑަަށް ކުރާނީ ވީހާ ވެސް ގިނަ އިރެއް ވަންދެން ފޭރު ފަތު ޓޮނިކުން ބޯ ތެތްމާލައިގައި ބޭއްވުން ކަމަށެވެ.

އެހެންވެ ރޭގަނޑު ނިދުމުގެ ކުރިން މިކަން ކުރާށެވެ. ބޮލާއި އިސްތަށިގަނޑުގައި ރަަނގަޅަށް މި ޓޮނިކް އުނގުޅާފައި މަސާޖު ކުރުމަށް ފަހު، ޝަވަ ކެޕެއް އަޅާލައިގެން ނިދާލާނީ އެވެ. ހެނދުނު ހޭލާފައި ރަނގަޅަަށް ދޮވެލާނީ އެވެ.

މިކަން ކޮންމެ ދުވަހަކު ވެސް ތަކުރާރު ކުރަމުންދާ ނަމަ އިސްތަށި ފޭބުން ކޮންޓްރޯލްކޮށް ދޭން ފަށަ އެވެ.

ތަޖުރިބާކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ އަތް ފޯރާ ފަށުގައި ފޭރު ގަހެއް ހުރި ނަމަ މިކަން ނުކުރަންވީ ސަބަބެއް ނެތެވެ.