ފައިސާގެ މުއާމަލާތް ރާއްޖޭން ބޭރުގައި ކުރެވޭ ޕާސްޕޯޓް ކާޑެއް ގައުމީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމިގްރޭޝަނާ ގުޅިގެން ތައާރަފް ކުރަން ނިންމައިފި އެވެ.
މި ކާޑު ތައާރަފު ކުރުމާ ގުޅޭ އެއްބަސްވުމުގައި އެ ދެ ފަރާތުން މިއަދު ވަނީ ސޮއި ވެސްކޮށްފަ އެވެ.
ބީއެމްއެލުން ބުނީ ޕާސްޕޯޓް ކާޑުން، ރާއްޖޭން ބޭރުގައި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދައްކައި އޭޓީއެމުން ފައިސާ ނެގޭނެ ކަމަށެވެ.
މީގެ އިތުރުން މި ކާޑް ޕާސްޕޯޓްގެ ބަދަލުގައި ގެންގުޅޭނެ ރަސްމީ ލިޔުމެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލުން އަދި ބުނީ އިންޓަނެޝަނަލްކޮށް ބޭނުން ކުރެވޭ ޕާސްޕޯޓް ކާޑް ފައިސާ ޖަމާކުރެވޭ ޕްރީޕެއިޑް ކާޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނިޒާމެއް ވެސް ގާއިމު ކުރާނެ ކަމަށެވެ.
އެ ކާޑް ޕީއޯއެސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް ބޭނުން ކުރެވޭނެ އެވެ.
"ރާއްޖޭން ބޭރަށްދާ ގިނަ ދަތުރުވެރިން މިދަނީ ލުއި ފަސޭހަކަމާއި ރައްކާތެރިކަމާ އެކު އަޅުގަނޑުމެން ކާޑުގެ ހިދުމަތް ބޭނުން ކުރަމުން،" ބީއެމްއެލްގެ ރިޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ. "ޕާސްޕޯޓު ކާޑު މެދުވެރިކޮށް މިފަދަ މުހިންމު ހިދުމަތެއް ދެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."