Last Updated: November 23, 09:25
Saturday, November 23, 2024
ރިޕޯޓް

އެމްއާރްޑީސީން ފީ ނަގައިފި، ހިދުމަތެއް ނުދެވޭ!

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ބަލަހައްޓަމުން ދިޔަ ކުނި ކޮށި އެންވައިރަމެންޓް މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެމްއާރްޑީސީ) އާއި ހަވާލުކުރީ، ރައްޔިތުންނަށް އެންމެ ރަގަޅު ގޮތް ހޯދައި ދިނުމުގެ މަޤްސަދުގައި ކަމަށް ބުނެ އެވެ.

އޭރު އެމްއާރްޑީސީގެ އިސްވެރިން ބުނަމުން ގެންދިޔައީ، ކުރިން އަމިއްލަ ފަރާތެއް މެދުވެރިކޮށް ކައުންސިލުން ދެމުން ދިޔަ ހިދްމަތް ސަރުކާރުގެ ކުންފުންޏަކުން ދޭން ފެށުމުން ވަރަށް ފުރިހަމަ އަށް އެ ޚިދުމަތް ދެވޭނެ ކަމަށެވެ. އެމްއާރްޑީސީ އިން ކުނިއުކާލުމުގެ ޚިދުމަތް އެންމެ ފުރަތަމަ ހިލޭ ދޭން ފެށުމުން ގިނަ ރައްޔިތުން ތިބީ، ކުރިއަށްވުރެ ރަނގަޅަށް ކުނީގެ ކަންކަން ހަމަޖެހޭނެ ކަމުގެ އުއްމީދުގައެވެ.

އެހެން ނަމަވެސް އެމްއާރްޑީސީ އިން ދެމުން ގެންދިޔަ ކުނި އުކާލުމުގެ ޚިދުމަތުން މި މަހުން ފެށިގެން އަގު ނަގަން ނިންމުމާއި އެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް، އިތުރުވެގެން ދިޔައެވެ. ކުނި އުކާލުމަށް ނަގަން ހަމަޖެއްސި އަގުތައް ބޮޑު ވުމާއި އަދި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދެވިދާނެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަން ފެށިއެވެ.

ކުނި އުކާލުމަށް ނަގާ އަގުގެ މައްސަލަ

ހިތަދޫގައި ހުންނަ އެމްއާރްޑީސީގެ އައްޑޫ އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސެއިން ޒަހީން
ހިތަދޫގައި ހުންނަ އެމްއާރްޑީސީގެ އައްޑޫ އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސެއިން ޒަހީން

އައްޑޫގައި ކުނި ނެގުމަށް އެމްއާރްޑީސީން ކަނޑައަޅާފައިވާ އަގަކީ، އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސޯ (އީޕީއޭ)އިން ފާސްކޮށް ހުއްދަދީފައިވާ އަގެއް ވެސް ނޫނެވެ. ޤާނޫނާއި ޤަވާއިދުތައް ހެދިފައިވަނީ ހަމައެކަނި ރައްޔިތު މީހާ ބޯލެނބުމަކަށް ނޫނެވެ. ސަރުކާރުގެ ކުންފުނިތަކުން ވެސް އެ ޤާނޫނަށް އިޙްތިރާމް ކުުރުމަށެވެ.

އިީޕީއޭގެ ޑިރެކްޓަރ އިބްރާހިމް ނައީމް 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ އައްޑޫގެ އަވަށްތަކުން، ކުނި ނެގުމަށް ނަގަން ޖެހޭ އަގު އީޕީއޭއިން އަދި މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ ގަވާއިދުގައިވާ ގޮތުން، ކުނި ނަގާ އަގު ކަނޑައަޅައި، ކުނީގެ ކަންކަން ރެގިއުލޭޓް ކުރާނީ އީޕީއޭގެ ފަރާތުންނެވެ. އެކަން އެމްއާރްޑީސީ އިން މިހާތަނަށް ކޮށްފައި ނުވާއިރު، އައްޑޫގައި ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް އެމްއާރްޑީސީ އަގު ނަގަނީ ޤަވާއިދާއި ޚިލާފަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އައްޑޫގައި ކުނި ނެގުމަށް އަގު ކަނޑައެޅުމަށް އީޕީއޭ އާއި އެއްކޮށް އެމްއާރްޑީސީ އިން އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.

ފައިސާ ދައްކައިފި، އެކަމަކު ޚިދުމަތެއް ނުލިބޭ!

އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދުމަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަޖިސްޓްރީކޮށް ފައިސާ ވެސް ދައްކާފައެވެ. އެހެން ނަމަވެސް ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ މިވަނީ ވަރަށް ބޮޑުވެފައެވެ. ހިތަދޫގެ ބައެއް ގޭ ބިސީތަކުން، ހަފްތާއެއްގެ 3 ދުވަހު ކުނި އުކާލަ ދިނުމުގެ ޚިދުމަތަށް އެދިފައިވާއިރު، އެ ޚިދުމަތް ލިބިފައި ވަނީ އެންމެ ދުވަހަކު ކަމަށް ވެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫގެ ބައެއް މީހުން ބުނާ ގޮތުގައި ޚިދުމަތަށް ފައިސާ ދައްކާފައިވާ ކަމަށާއި އެހެން ނަމަވެސް، ޚިދުމަތެއް ނުލިބޭ ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ޝަކުވާ ކުރުމަށް ގުޅުމުން ޖަވާބުދާރީވާނެ ފަރާތެއް ނެތް ކަމަށެވެ.

މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ރައްޔިތުންގެ ވެސް ޝަކުވާ އަކީ ފައިސާ ނަގާފައި ޚިދުމަތް ނުދިނުމެވެ.

"މި ގެއިން ކުނި އުކާލަ ދިނުމަށް އެދި ފައިސާ ދައްކައިފިން. މިއޮތީ ރަސީދު. މަސް ދެބައި ވެއްޖެ. އެ ޕިކަޕެއް ނާދޭ މިގެއަކަށް. " ފޭދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މީގެ އިތުރުން ފައިސާ ދެއްކުމަށް ދޫކުރާ ކާޑުގެ ސައްޙަ ކަމާއި މެދު ވެސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ފައިސާ ބަލައިގަތުމަށް ފަހު ތައްގަނޑެއް ނުޖަހައި ކޮށްލަނީ ހަމައެކަނި ސޮއި ކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޚިދުމަތް ނުލިބިގެން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ރީފަންޑް ހޯދުމަށް ވެސް ހިތަދޫގައި ހުންނަ އެމްއާރްޑީސީ އޮފީހަށް ވަނީ ގޮސްފައެވެ.

ކުނި އުކާލުމަށް އޮތީ އެންމެ 3 ޕިކަޕް!

ކުނި އުކާލުމުގެ ޚިދުމަތް ދިނުމަކީ، އެމްއާރްޑީސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ފާއިތުވި ޖުލައި މަހުގެ ތެރޭގައި 'އައްޑޫލައިވް' އަށް ދިން އިންޓަވިއުއެއްގައި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ހަލީމް ވިދާޅުވެފައި ވަނީ، ކުނީގެ ކަންކަން މެންޑޭޓް ގައި ހިމަނައިގެން ވަރަށް އަވަހަށް ކުނި ރަނގަޅު ގޮތުގައި މެނޭޖް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ނަމަވެސް ޕްލޭނެއް ނެތި އަވަސް އަރުވާލައިގެން، އެކަށީގެންވާ ވަސީލަތްތަކެއް ނެތި ޚިދުމަތް ދޭން ފެށުން ވެގެންދިޔައީ އެމްއާރްޑީސީގެ އެންމެ ބޮޑު ވެއްޓުމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެމްއާރްޑީސީ އިން ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުން ގެންދަނީ އެންމެ 3 ޕިކަޕެވެ. އެމްއާރްޑީސީ އިން އެންމެ 3 ޕިކަޕް ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް އަމާޒު ހިފި ނަމަވެސް އެކަން ނުކުރެވޭނެ ކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

" ކިހިނެއް ހޭ 3 ޕިކަޕުން 4 ރަށުގެ މީހުންނަށް މި ޚިދުމަތް ދޭނީ. 24 ގަޑިއިރު މުވައްޒަފުން ޖެހޭނެ ނޫންތޯ މަސައްކަތް ކުރަން. އެވަރަށް މުވައްޒަފުންނެއް ނެތް. އައްޑޫގައި ތިބި އެމްއާރްޑީސީގެ ވެރިން ތަންކޮޅެއް ހަރުދަނާ ވާން އެބަޖެހޭ. މާލޭ އޮފީހޭ ކޮންމެ ކަމަކު ދިޔައަސް މިކިޔަނީ. " ފޭދޫ ވިޔަފާރިވެރިއަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރްޑީސީގެ ފަރާތުން ގެންދަނީ، އައްޑޫގައި ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވެހިކަލްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިތުރު 5 ޕިކަޕެއް ގެނައުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން ކުރަމުން ގެންދާ ކަމަށް ވެއެވެ.

ޖަވާބުދާރީ ވާނެ ފަރާތެއް ނެތް!؟

އެމްއާރްޑީސީ އައްޑޫ އޮފީހުގެ އިސްބޭފުޅުން ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.
އެމްއާރްޑީސީ އައްޑޫ އޮފީހުގެ އިސްބޭފުޅުން ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

ކުނި އުކާލުމުގެ ކަންތަކުގައި ދިމާވެފައިވާ މައްސަލަތަކުގައި އައްޑޫ ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް ދާ ފަރާތްތަކަށް ލިބޭ ހަމައެކަނި ޖަވާބަކީ "ތިކަން ބަލާނެ ކަމަށާއި، ހެޑް އޮފީހަށް ގުޅައިގެން އޮޅުން ފިލުވާނެ" ކަމަށެވެ. 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ގިނަ މީހުން ބުނާ ގޮތުގައި އެމްއާރްޑީސީ އައްޑޫ އޮފީހުގައި ތިބި ވެރިންނަކީ އެއްވެސް ކަމެއް "އެނގޭ" ބައެއް ނޫންހެން ހީވާ ކަމަށެވެ.

" އަޅުގަނޑު ގަބޫލުކުރަން ހެޑް އޮފީހުން ނިންމާ ނިންމުންކަން ތަންފީޒް ކުރާނީ. އެކަމަކު ޝަކުވާ ހުށަހެޅީމާ އެބަޖެހޭ ދެއްތޯ އެޓްލީސްޓް ނޯޓް ކުރަން. ޖެހިގެން އަންނަ ދުވަހު ދިޔައީމަ ހަނދާނެއް ނުހުރޭ އެއްކަލަ ކުރީ ދުވަހު ޝަކުވާ ހުށަހެޅި މައްސަލަ. ނޯޓް ނުކުރޭ"

ކުނީގެ މައްސަލައިގައި އެމްއާރްޑީސީގެ ބަހެއް ހޯދުމަށް 'އައްޑޫލައިވް' ގެ ފަރާތުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތް ވަނީ ނުވެފައެވެ.