މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން މީދޫ ޝަމްސުއްދީން ސްކޫލުން ހޯދައިފިއެވެ.
މިއަދު ހަވީރު ޝަރަފުއްދީން ސްކޫލާއި ވާދަކޮށް ޝަމްސުއްދީން ސްކޫލް މޮޅުވީ 4-2 ލަނޑުންނެވެ.
މެޗްގެ ލީޑް ނެގީ ޝަމްސުއްދީން ސްކޫލުންނެވެ. ފެށު ފެށިގެން 3 ވަނަ މިނިޓްގައި ޝަމްސުއްދީން ސްކޫލަށް ލީޑް ނަގައިދިނީ މުބާރާތުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭ ހިމެނުނު ހަސަން ސަހާފްއެވެ.
ސަހާފް ލަނޑު ޖެހިތާ 5 މިނިޓް ފަހުން ޝަމްސުއްދީން ސްކޫލްގެ 2 ވަނަ ލަނޑު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ރައްޔާން މަންސޫރު ޖެހިއެވެ.
ހަމަޖެހިލައިގެން ހުރެ އޭރިއާގެ ބޭރުން ޖެހި ބޯޅަ ޝަރަފުއްދީން ސްކޫލްގެ ގޯލް ކީޕަރު ބޯމަތިން ގޯލަށް ވައްދައިގެން ޝަމްސުއްދީން ސްކޫލް 3 ވަނަ ލަނޑު ޖެހީވެސް ރައްޔާން މަންސޫރުއެވެ.
ފަހު ހާފް ފެށުމާއި އެކު ޝަރަފުއްދީން ސްކޫލުން ކުޅުން ރަނގަޅުކޮށް ޝަމްސުއްދީން ސްކޫލްގެ ހާފް ތެރޭގައި ބޯޅަ ކޮންޓްރޯލް ކުރަން ފެށިއެވެ. އެގޮތުން މެޗްގެ 33 އަދި 34 ވަނަ މިނިޓްގައި ޝަރަފުއްދީން ސްކޫލްގެ އަހްމަދު ޔުސްރު ދެ ގޯލް ޖަހައި މެޗްގެ ނަތީޖާ 3-2 ލަނޑަށް ބަދަލު ކޮށް އުއްމީދު އާ ކުރިއެވެ.
ނަމަވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ހަސަން ސަހާފް، ޝަރަފުއްދީންގެ ޑިފެންސް ކުޅުންތެރިން ކަޓުވާލުމަށް ފަހު ހަމަޖެހިލައިގެން ގޯލަށް ބޯޅަ ވައްދައިގެން މެޗްގެ ނަތީޖާ 4-2 ލަނޑަށް ބަދަލު ކުރިއެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި މޮޅު ކުޅުންތެރިންނަށް ތައްޓާއި މެޑެލް ދިނުން އޮތެވެ. ފައިނަލް މެޗްގެ ޝަރަފުވެރި މެހްމާނަކީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލްއެވެ.
އިއްޔެ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލުން ހޯދިއިރު 17 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކީވެސް ޝަރަފުއްދީން ސްކޫލެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާގައި 7 ސްކޫލަކުން ބައިވެރިވި އެވެ.