ސަރުކާރުގެ ކޮރަޕްޝަނާއި ގުޅޭ ގޮތުން އަލްޖަޒީރާއިން މިމަހުގެ 30 ވަނަ ދުވަހު ގެނެސްދޭނެ ކަމަށް ބެނެފައިވާ ރިޕޯޓަށް ސަރުކާރުގެ ބަހެއް ހޯދުމަށް އެދި އެ ޗެނެލަށް ސަރުކާރުން އީމެއިލްއެއް ފޮނުވައިފިއެވެ.
ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރިޕޯޓާއި ގުޅޭ ގޮތުން ސަރުޔކާރުގެ ބެހެއް ހިމެނުމަށް އެ ޓީވީ ޗެނަލްއަށް މެއިލްއެއް ފޮނުވާފައިވާ ކަމަށެވެ. އަދި ސަރުކާރުން އަލްޖަޒީރާއަށް ޖަވާބު ދޭން ބޭނުން ކަމަށް ހުސެއިން ޝިހާބް ވިދާޅުވިއެވެ.
"ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި އަލްޖަޒީރާގެ އިންވެސްޓިގޭޓް ޓީމުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެޗެނަލުން ރާއްޖެ އައިސް ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން އެ ރިޕޯޓަށް ކުރީގެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް މައުލޫމާތު ދެއްވާފައިވާ އިރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ގުޅޭ ގިނަ މައުލޫމާތު ހިމަނާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އަލްޖަޒީރާގެ ރިޕޯޓަކީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. އެރަސްމިއްޔާތަށް އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ދައުވަތު އަރުވާފައިވާ ކަމަށް އެމަނިކުފާން ވަނީ ޓްވީޓް ކުރައްވާފައެވެ.