އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ ގޮނޑި އަށް ދެވަނަ ދައުރަކަށް ކުރިމަތިލާނެ ކަމަށް އެ ދާއިރާގެ މިހާރު ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެ އެވެ.
އޭނާގެ ފޭސްބުކް ސްޓޭޓެއްގައި ވިދާޅުވީ އަންނަ އަހަރު ބާއްވާ ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދާއިރާގެ ރައްޔިތުންނަށްޓަކައި ބުރަކޮށް ހެޔޮ ނިޔަތުގައި މަސައްކަތްކޮށް ދޭނަން،" އައްދު ވިދާޅުވި އެވެ.
އައްދު ކައުންސިލަށް ހޮވިވަޑައިގަތީ އިދިކޮޅު އެމްޑީޕީ މެމްބަރެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް އޭނާ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމާ 2014 ވަނަ އަހަރު ގުޅިވަޑައިގެންފަ އެވެ.
ހަ މެމްބަރުން ތިއްބަވާ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޕީޕީއެމް މެމްބަރަކީ ވެސް އައްދު އެވެ.
ދެން މުޅިން ވެސް ތިއްބެވީ އެމްޑީޕީ މެމްބަރުންނެވެ.
ދެވަނަ ދައުރަަކަށް ކައުންސިލަށް ކުރިމަތިލާނެކަން އައްދު އިއުލާން ކުރެއްވި އިރު، މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އިތުރު ދައުރަކަށް ކުރިމަތިލާނެ ކަމަށް އަދި ވިދާޅުވެފައެއް ނުވެ އެވެ.
މިހާރު ތިއްބެވި ކައުންސިލަރުންނަށް ބަލާ އިރު ތިން ކައުންސިލަރުންނަކީ ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.
އެއީ މޭޔަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ކައުންސިލަރު އަބްދުﷲ ތައްޔިބް (ޓޮމް) ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އެވެ.
ދެން ތިއްބެނީ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ހިތަދޫ ދެކުނު ދާއިރާ ކައުންސިލަރު މުހައްމަދު ޔަސްރިފާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދެވެ.
ފަހުމީއަކީ ބައި އިލެކްޝަނަކުން ކައުންސިލަށް ހޮވިވަޑައިގަތް ބޭފުޅެކެވެ.
އެއީ ފޭދު އަށް އިންތިހާބު ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) 2014 ގެ ޖުލައި މަހުގެ ތެރޭގައި ހާޓްއެޓޭކެއް ޖެހިގެން ކުއްލިއަކަށް އަވަހާރަވުމާ ގުޅިގެންނެވެ.