ކީރިތި ރަސޫލާގެ އިރުޝާދުތައް ފުނޑާލުމަށް އަމުރުކުރުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިގޮތަށް ވިދާޅުވެފައި ވަނީ، އިމިގްރޭޝަން ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ތުނބުޅި ދިގުކޮށް، އަދި ފަޓްލޫންގެ ފައިކުރި ކުރުކޮށް ބަހައްޓާ، މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލައާއި ގުޅިގެންނެވެ.
ތުނބުޅި ދިގުކޮށް، އަދި ފަޓްލޫންގެ ފައިކުރި ކުރުކޮށް ބަހައްޓާ، މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އިމިގްރޭޝަންގެ އިސްވެރިން އިންޒާރުދީފައިވާ ކަމަށް ސޯޝަލް މީޑީޔާގައި ވާހަކަ ދެކެވެމުންދާއިރު، އެކަމާއި ބެހޭގޮތުން އިމިގްރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޑރ.އިޔާޒްގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ، އިންޑިޔާގެ ސިކް ދީނުގެ މީހުންނަކީ، އެ ގައުމުގެ އާބާދީގެ ނިސްބަތުން ވަރަށް މަދު ބައެއް ނަމަވެސް އެމީހުންގެ ދީނުގެ ޝިއާޜުތައް ފާޅުކުރުމަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމަތި ނުވާކަމަށެވެ.
"އިމިގްރޭޝަން (އިންޑިޔާގެ) ގައި ވެސް އަދި އެހެނިހެން އޮފީސް ތަކުގައި ވެސް ބޮލުގައި ބޮޑު ފޮތިގަނޑެއް އަޅައިގެން ތުނބުޅި ވެސް ބަހައްޓައިގެން އުޅުމުގެ ފުރުސަތު އޮވެއެވެ." ޑރ. އިޔާޒްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައި ވެއެވެ.
100 ޕަސެންޓް މުސްލިމް ދިވެހިރާއްޖޭގެ އިމިގްރޭޝަން ގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތުނބުޅި ދިގުކޮށް ފަޓުލޫނު ފައިކުރި ކުރުކޮށްފައި ހުންނަ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ޑރ.އިޔާޒް ވި އިންޑިޔާގެ ސިކުންނަކީ މައިނޯރިޓީ ކަމަށް ވެފައި ދިވެހި މުސްލިމުންނަކީ 100 ޕަސެންޓް ކަމަށް ވީއިރުވެސް މި ގޮތަށް ކަންތައް ވުމަކީ، ނުހަނު ހިތާމަ ހުރި ކަމެއް ކަމަށެވެ.
ތުނބުޅި އަށް މަޢާފު ކުރުމަށާއި ފަޓުލޫނު ފައިކުރި ތަނބިކަށްޓައް ވުރެ މައްޗަށް ބެހެއްޓުމަށް މި އުއްމަތުގެ މާތް ނަބިއްޔާ ރަސޫލާ ސައްލަﷲ ޢަލައިޙި ވަސައްލަމް އުއްމަތަށް އިރުޝާދު ދެއްވާފައިވާކަން ވެސް ޑރ. އިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.
" ރަސޫލާ ސައްލަﷲ ޢަލައިޙި ވަސައްލަމް ގެ އިރުޝާދުތައް ފުނޑާލުމަށް އަމުރުކުރުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން. އަދި އެފަދަ އަމުރަކަށް ކިޔަމަން ގަތުމަކީ ވެސް ކުރަން ޖެހޭ ކަމެއް ނޫން. އަދި ކޮށްގެން ވާނެ ކަމެއް ވެސް ނޫން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް އަކީ އިސްލާމީ ތަޢުލީމް ފެތުރުއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިރު ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، ދީނީ ކަންތައް ތަކާއި ބެހޭގޮތުން، އެކި މީހުން ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށް ޚާއްސަ ވައިބަރ ގްރޫޕްއެއް ގެންގުޅުއްވައެވެ.
މުޖްތަމަޢްގައި ހިނގާ މުންކަރާތްތައް މަނާކުރުމަށް ގޮވާލައި އެކަންކަމާއި ބެހޭގޮތުން ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ ޑރ. އިޔާޒް ވަނީ ދާދިފަހުން އެބޭފުޅާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު ޝެއިޚް އިޔާޒް ވިދާޅުވެފައި ވަނީ، ފުލުހުންގެ ވާޖިބު އެ މީހުން އަދާކުރަން ޖެހޭނެ ކަމަށާއި އަދި އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި ހައްގު ބަސް ބުނަންވާނެ ކަމަށާއި އަދި ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް އަދި ރަނގަޅުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.