ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރައްވަން އިދިކޮޅު ފަރާތްތަކުން ރާވަމުން ދާކަން ސަރުކާރަށް އެނގޭ ކަމަށް ރައީސްގެ ސްޕޯކްސްމެން ވިދާޅުވެފައިވާ ކަމަށް ރޮއެޓާސް އިން ރިޕޯޓްކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ޚަބަރު މިހަފްތާގައި ބީބީސީ އިންވެސް ވަނީ ޚަބަރު ފަތުރައިފަ އެވެ.
ރޮއެޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ރައީސްގެ ސްޕޯކްސްމެން އިބްރާހިމް ހުސެން ޝިހާބު މައުލޫމާތު ދެއްވާފައިވާ ގޮތުން އިދިކޮޅު އިއްތިހާދުން "ގާނޫނީ ގޮތުން" މިހާރު އޮތް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާކަން ސަރުކާރަށް މިހާރު އެނގެއެވެ.
ނަމަވެސް ސަރުކާރުން އެއީ 'ސީރިއަސް' ކަމެއްގެ ގޮތުގައި ދެކޭކަމަށް އެބޭފުޅާ އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.
ޝިހާބު އިތުރަށް ވިދާޅުވެފައިވާގޮތުން ބީބީސީ އިން ޚަބަރު ކުރި 'ބޭރު ފަރާތްތަކަކީ' ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ސިޔާސީ އިދިކޮޅު ފަރާތްތައް ކަމަށް ރޮއެޓާސް އިން ވަނީ ޝާއިއުކޮށްފައެވެ.
އެމްޑީޕީގެ ބައިނަލްއަގުވާމީ ސްޕޯކްސްމެން، ހާމިދު އަބްދުލް ގަފޫރާއި ހަވާލާދީ ރޮއެޓާސް އިން ރިޕޯޓުކޮށްފައިވާގޮތުން އިދިކޮޅު އިއްތިހާދުން ބޭރު ފަރާތަކާއެކު މަސައްކަތެއް ނުކުރެއެވެ.
އަދި މިސަރުކާރު ވެއްޓުމުން އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓް ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރުމަށް ތައްޔާރުކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.