ވަރަށް ގިނަ މީހުން ބުނާތީ އަޑު އިވެ އެވެ. އޭނާ ދެކެ އަހަންނަށް ލޯބި ވެވުނީ ހަމަ ފުރަތަމަ ނަޒަރުންނެވެ.
ވާހަކަތާއި ފިލްމުތަކުގައި ވެސް މިކަން ލޯބީގެ އިހުސާސްތައް ގެނުވައި ދެނީ އާންމުކޮށް މި ފޯމިއުލާ އާ ވެސް ގުޅުވައިގެންނެވެ.
އެކަމަކު ހަގީގަތަކީ މީހަކު ދެކެ ތިމާ އަށް ލޯބި ވެވެނީ ފުރަތަމަ ނަޒަރުން ނޫން ކަމެވެ.
މާނައަކީ މީހަކަށް ހިތް ކިޔައި އޭނާ ދެެކެ ލޯބި ވެވެނީ އެ މީހަކު ހަމަ ފުރަތަމަ ފަހަރު ފެންނަ އިރަކު ނޫނެވެ.
ފަހުގެ ދިރާސާއަކުން ވަނީ އެއީ ހަގީގަތެއް ނޫންކަން ސާބިތުކޮށް ދީފަ އެވެ. އެ ދިރާސާ އިން ބުނަނީ މީހަކު ދެކެ ލޯބި ވެވެނީ ހަތަރު ވަނަ ފަހަރުން ކަމަށެވެ.
މި ދިރާސާ ހަދައިފައި ވަނީ ހޮވައިލެވުނު ދެ ޖިންސްގެ ބަޔަަކަށް ދެ ޖިންސްގެ މީހުންގެ މޫނުތައް ހިމެނޭ ފޮޓޯތަކެއް ދީގެންނެވެ. އަންހެނުންގެ އަތަށް ފިރިހެނުންގެ ފޮޓޯ އެވެ. ފިރިހެނުންގެ އަތަށް އަންހެނުންގެ ފޮޓޯ އެވެ.
ނިއުޔޯކްގެ ހެމިލްޓަން ކޮލެޖްގެ ސައިންޓިސްޓް ރަވީ ތިރޫޝްސެލްވަމް ބުނީ މީހެއްގެ ދެކެ ލޯބިވާން ނަގާ މަރުހަލާ ދަނީ ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ ދުވެލި މަޑުކޮށް ކަމަށެވެ.
ރަވީ ބުނީ ދެ ޖިންސްގެ މީހުންގެ އަތަށް ދިން ފޮޓޯތަކުގައި އިން މީހާ އަށް އެ ފޮޓޯ ހަވާލު ކުރެވުނު މީހާ އަށް ފުރަތަމަ ފަހަރުން ފޮޓޯ އިން ފެންނަ މީހާ އާ ދޭތެރޭ ހާއްސަ ކަމެއް ނުއުފެދޭ ކަމަށެވެ.
މިއީ ހުރިހާ ބައިވެރިންގެ މެދުގައި ވެސް ކަންތައް ހިނގި ގޮތެވެ.
"ދެ ފަހަރަށް ބަލައިގެން ވެސް އެ ފޮޓޯގައި އިން މީހާ އަށް ޝައުގުވެރި ކަމެއް ގިނަ ބައިވެރިންގެ ފަރާތުން އުފެދުނު ތަނެއް ނުފެނުނު،" ރަވީ ބުންޏެވެ. "ދެން މީގެން އެންމެ ބޮޑަށް ފާހަގަވި ކަމަކީ ހަތަރު ވަނަ ފަހަރުން ގިނަ ބައިވެރިވެރިންނަށް ފޮޓޯގައި އިން މީހާ އަށް ހިތް ކިޔަން ފެށިކަން."