އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އުނދަގޫ ގޮތަކަށް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ހަލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު 92 ވަނަ މިނެޓުގައި ޖަހާދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޮޑްއެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ރަޝްފޮޑް ވަނީ އޭނާ މެޗަށް އެރި ފަހުން ޚާއްސަ ކުޅުމެއް ދައްކާފައެވެ.
މެޗުގައި ޔުނައިޓެޑު އެޓޭކުގައި ވަރުގަދައަށް ކުޅެފައިވާއިރު ހަލް ސިޓީއިން ވަނީ ޑިފެންސު ވަރުގަދަކޮށްފައެވެ. ހާއްސަކޮށް ހަލްގެ ކެޕްޓަން ބެން ޑޭވީސް މެޗުގައި ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.
ޔުނައިޓެޑުން 29 ހަމަލާ ގޯލަށް ފޮނުވާފައިވާއިރު އޭގެތެރެއިން 9 ހަމަލާ ގޯލާ އަމާޒުކޮށްފައިވެއެވެ. މެޗުގައި ހަލްގެ ކީޕަރު ޔަކުޕޮވިޗް ދެއްކި ކުޅުންވެސް ފާހަގަ ކޮށްލެވެއެވެ.
3 މެޗުން މޮޅުވެ 9 ޕޮއިންޓު މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ނަމަވެސް މިވަގުތު ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތީ ޗެލްސީއެވެ. ދެޓީމުގެ ދެމެދުގައި ޕޮއިންޓު އެއްވަރުވެ ގޯލުގެ ތަފާތުވެސް އެއްވަރުވުމަށްފަހު ޗެލްސީ ވަގުތީގޮތުން ކުރީގައިއޮތީ ބަހުގެ ގޮތުން ކުރީގައި އޮވެގެންނެވެ.
ތިން ވަނައިގައި މެންޗެސްޓާ ސިޓީ 6 ޕޮއިންޓާއެކު އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. މާދަމާ ރޭ ސިޓީ ބައްދަލުކުރާނީ ވެސްޓް ހެމް ޔުނައިޓެޑާއި ދެކޮޅަށެވެ.
މިރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާއިރު ލިވަޕޫލް އަދި ޓޮޓެންހަމް ކުޅުނު މެޗު 1-1 އިން ވަނީ އެއްވަރުވެފައެވެ. ޗެލްސީ ފަސޭހަކަމާއެކު 0-3 އިން ބާންލީ ބަލިކޮށްފައިވާއިރު އާސެނަލް އަދި ލެސްޓާއަށްވެސް ވަނީ ސީޒަނުގެ ފުރަތަމަ މޮޅު ހާސިލުވެފައެވެ.
ސްޓޯކް ސިޓީގެ މައްޗަށް އެވަޓަން 0-1 އިން ކުރި ހޯދާފައިވާއިރު ސައުތްހެމްޕްޓަން އާއި ސަންޑަލޭންޑް ވަނީ 1-1 އިން އެއްވަރުވެފައެވެ. ކްރިސްޓަލް ޕެލެސް އަދި އޭއެފްސީ ބޯންމައުތްވެސް ކުޅުނު މެޗު އެއްވަރުވީ ހަމަ އެ ނަތީޖާއިންނެވެ.