ހިތަދޫ މާމެންދު އާއި އާރްއޭއެފް ސަރަހައްދުން ކުރިން އާންމުންނަށް ދޫކޮށްފައި ހުރި ގިނަ އަދަދެއްގެ ގޯތިތަކެއް އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަޅަން ސަރުކާރަށް ނަގާފައިވާތީ އެގޯތިތަކާ މެދު ނިންމާ ގޮތެއް ވަަަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދިގެ ވެރިކަމުގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިސީސީ އިމާރާތް ކުރަން އެ ސަރަހައްދުން ދޫކޮށްފައި ހުރި 700 އެއްހާ ގޯތި ވަނީ ސަރުކާރަށް ނަގައިފަ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ އެ ގޯތިތަކާ މެދު މިހާތަނަށް ގޮތެއް ނިންމިފައި ނުވާތީ އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެހެން ނަމަވެސް ނެގިފައިވާ އާންމުންގެ ގޯތިތަކާ ގުޅޭ ގޮތުން ވަރަށް ތަފުސީލް ދިރާސާއެއް ހެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އުސޫލެއްގެ ދަށުން އެ ގޯތިތަކާ ދޭތެރޭ ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހާރު ކެބިނެޓުން ގޮތެއް ނިންމުމަށްޓަަކައި އަޅުގަނޑުމެން ވާނީ ވަރަށް ކޮމްޕްރެހެންސިވްކޮށް ސްޓަޑީއެއް ހަދާފައި. ދެން މީގައި ނިންމާނެ ކޮންމެވެސް ގޮތެއް،" އޭނާ ވިދާޅުވި އެވެ. "ކޮން ގޮތެއްތޯ އެންމެ އާލާކަން ބޮޑީ ބަލާފައި ގޮތެއް ނިންމާނީ. ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކޮން ގޮތެއްތޯ ބަލާނެ."
މާމެންދު އާއި އާރްއޭއެފުން ދައުލަަތަށް ނެގި އާންމުންގެ ގޯތިތަކަށް ބަދަލު ދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް، އެކަން ނުވެ ދިގުލައިގެން ގޮސްފައިވާތީ މި މައްސަލާގައި ބައެއް މީހުން ކޯޓަށް ވެސް ގޮސްފައިވާކަން ފާހަގަކޮށްލެވެ އެެވެ.
ޒިޔާދު ވިދާޅުވީ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 40 ޕަސަންޓް ފަޅު ގޯތި އެބަ ހުރި ކަމަަށެވެ.
އެހެންވެ ގޯތި ލިބިފައި ހުރި ފަރާތްތަކަށް ގޯތީގައި ދިރިއުޅެވޭނެ ގޮތްތަކެއް ހޯދޭނެ މަގުވެސް ތަނަވަސްކޮށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ ތަނަވަސްކަން ނެތުމުން ގޯތި ލިބުނަސް، ގިނަ މީހުންނަށް ގެ އިމާރާތް ކުރެވޭ ގޮތެއް ނުވެ އެވެ.