އައްޑޫ ސިޓީ ހިތަދޫގެ ގިނަ އަދަދެއްގެ ޒުވާނުން ކޮންމެ ދުވަހަކު ފުޓްބޯޅަ ކުޅެންދާ ރަސްމީ ދަނޑު ބޭނުން ނުކުރެވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ހިތަދޫގައި ސަރުކާރުން ތަަރައްޤީކުރި، ފުޓްސަލް ދަނޑުގެ ލައިޓުތައް ހަލާކުވެގެން އެކަން ރަގަޅު ކުރުމަށް ހަވާލުކުރިތާ 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެކަމެއް ނުކުރެވެއެވެ. މިހާރު އެ ދަނޑު ދިއްލާފައި ވަނީ، އަމިއްލަ ފަރާތަކުން ހަރުކުރި 2 މާކަރީ ލައިޓް ބޭނުން ކޮށްގެންނެވެ.
ހިތަދޫ ސްޓޭޑިއަމްގެ އިރުމަތީ ފަރާތުގައި ހަދަން ފެށި ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދަނީ، ހިތަދޫގެ ޒުވާނުން ބުނާގޮތުގައި އެމީހުންނަށް "ޖެއްސުން" ކުރާ ގޮތަކަށެވެ.
މިއީ، މޯލްޑިވްސް ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި މެދު ހިތްހަމަނުޖެހިފައި ތިބި ހިތަދޫ ޒުވާނުންގެ ޝުޢޫރުތަކެވެ. މި ޝަކުވާތައް އައްޑޫގައި ތިބޭ އެމްއާރްޑީސީގެ ވެރިންނަށް ހުށަހެޅި ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ހިތަދޫގެ ޒުވާނުން ބުނެއެވެ.
"އަޅުގަނޑުމެން ޔޫތް މިނިސްޓްރީއަށް ގުޅައިގެން ބަލައިފިން. އެބޭފުޅުން ވިދާޅުވޭ އެމްއާރްޑީސީ އާއި ހަވާލުކޮށްފައި ކަމަށް ވަނީ. ދެން ކީއްވެތޯ ކުރިއަށް ނުދާންވީ. ފުޓްސަލް ދަނޑުގެ ލައިޓު ހަރުކުރަން 8 މަސް ދުވަސް ނަގަންޖެހޭ ސަބަބެއް ނޭނގޭ" ހިތަދޫގެ ޒުވާނަކު ކިޔައިދިނެވެ.
ހިތަދޫ ރަސްމީ ދަނޑު "ފުނޑާލީ" އެމްއާރްޑީސީ އިން !
މިދިޔަ އަހަރު ބޭއްވި މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ހިތަދޫގެ ޓީމު ކުޅޭނެ ދަނޑެއް ކަމުގައި ހަމަޖެއްސީ ރަސްމީ ދަނޑެވެ. އެހެން ނަމަވެސް މުބާރާތް ފެށުނު އިރުވެސް ދަނޑުގެ މަސައްކަތް އެމްއާރްޑީސީ އަކަށް ނިންމައެއް ނުލެވުނެވެ. އެހެންވެ ހިތަދޫ ޓީމު މުބާރާތުގައި ވާދަ ކުރީ، "ބޯހިޔަލެއް ނެތް" ޓީމެއްގެ ގޮތުގައެވެ.
އެމްއާރްޑީސީގެ ފަރާތުން ރަސްމީ ދަނޑު ލެވެލް ކުރުމަށް ފެށުމަށް ފަހު ހުއްޓާލުމުން، މިހާރު އެ ދަނޑު އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 2015 ވަނަ އަހަރުގެ ތެރޭގައި އެމްއާރްޑީސީގެ ފަރާތުން ހިތަދޫ ރަސްމީ ދަނޑު ލެވެލްކޮށް ދިނުމަށް ހުށަހެޅީ، 3 ލައްކަ ރުފިޔާގެ އަގެކެވެ. މައްސަލަ ޖެހުނީ އެ އަގު ބޮޑުވުމުން ކަމަށް ވެއެވެ. އެ އަގު ބޮޑުވެގެން، އެމްއާރްޑީސީ އާއި ޔޫތް މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމަކަށް ނާދެވުނީ އެވެ.
" އުމުރުން 5 އަހަރުން ފެށިގެން ކުޅެން ދިޔަ ދަނޑު މިއޮތީ ސީދާ އެމްއާރްޑީސީ އައްޑޫ ވެރިން ރާވައިގެން ފުނޑާލާފައި. މިއީ އަނިޔާއެއް. ލެވެލް ނުކުރެވެންޏާ ކީއްކުރަން ފެށީ. ކޮންމެ ކަމެއްގައި ޖެއްސުން މިކުރަނީ." ރަސްމީ ދަނޑުގެ މައްސަލައިގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކުރުމަށް ހަވާލުކުރިތާ 8 މަސް ދުވަސް!
އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުން ޤާއިމްކުރި ފުޓްސަލް ދަނޑުގައި ކުޅުމުގެ ފުރުސަތު ހިތަދޫގެ ޒުވާނުންނަށް ލިބުނީ އެމީހުން ބުނާގޮތުން "ދެތިން ދުވަހެއް" ވަންދެނެވެ.
ދަނޑުގެ ލައިޓްތައް ހަލާކުވެގެން ރޭގަނޑު އެއްގޮތަކަށް ވެސް އެ ދަނޑު ބޭނުން ނުކުރެވޭތީ އެކަމުގެ ޝަކުވާ ހިތަދޫ ޒުވާނުންގެ ފަރާތުން ޔޫތް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ ގެނައެވެ.
"މިނިސްޓްރީ އިން ބުނީ އެމްއާރްޑީސީ އާއި ހަވާލުކުރި ކަމަށް. އެމްއާރްޑީސީ ހެޑް އޮފީހުން ވެސް އެބަ ބުނޭ އެހެން. ދެން ހިތަދޫ އޮފީހުގެ ވެރިޔާ މި ބުނަނީ ކޮން ލައިޓެއް ހޭ. މިއީ ކަންބޮޑުވާ ކަމަކީ. އަނެއްކާ ޒުވާނުންނާ ވާހަކަ ދައްކަން އެމީހުން ބޭނުމެއް ނުވޭ." އެމްއާރްޑީސީގެ އައްޑޫ ގޮފި ކުށްވެރިކޮށް ވާހަކަ ދެއްކި ހިތަދޫ ޒުވާނަކު ބުންޏެވެ.
ހިތަދޫ ފުޓްސަލް ދަނޑުގައި މިހާރު ހަރުކޮށްފައިވާ ލައިޓް ތަކަކީ، އަމިއްލަ ބަޔަކު އިސްނަގައިގެން ހަރު ކުރި ލައިޓް ތަކެކެވެ. އެމްއާރްޑީސީ އާއި ދަނޑުގެ ލައިޓްތައް ރަގަޅުކުރުމަށް ހަވާލުކުރިތާ 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދާއިރު އެ މަސައްކަތް އަދި ވަނީ ފަށައި ނުގަނެވިފައެވެ.
ސްޓޭޑިއަމް ސަރަހައްދުގައި ހަދާ ފުޓްސަލް ދަނޑު ނިމޭނެ ދުވަހެއް ނޭނގޭ!
ހިތަދޫ ސްޓޭޑިއަމްގެ އިރުމަތީ ފަރާތުގައި ފުޓްސަލް ދަނޑެއް ހެދުމުގެ މަސައްކަތް އެމްއާރްޑީސީ އިން ފެށުމުން ހިތަދޫގެ ގިނަ އަދަދެއްގެ ޒުވާނުން އެކަމާއި އުފާކުރިއެވެ. އެހެން ނަމަވެސް އެ މަސައްކަތް ނިންމާނެ ކަމަށް ބުނި ތާރީޚް ފަހަނަޅައި ދިޔަ އިރު ވެސް އެ މަސައްކަތް ނިންމައެއް ނުލެވެއެވެ.
އެ ދަނޑު އޯގަސްޓް މަހުގެ ކުރީކޮޅު ނިމޭނެ ކަމަށް އެމްއާރްޑީސީގެ އައްޑޫ އޮފީހުގެ އިސްވެރިން ކެނޑި "ސަޅިބައިސާ" އަށް ބަަލައިގެން ހިތަދޫގެ ޖަމިއްޔާ އަކުން ފުޓްސަލް މުބާރާތެއް ވެސް ރޭވިއެވެ. އެންމެ ފަހު ވަގުތު، ދަނޑު ނުނިންމޭނެ ކަން އެނގުމުން އެ މުބާރާތް ވެސް ބާއްވަން ޖެހުނީ ރަށުން ބޭރުގައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ބުނީ ސްޓޭޑިއަމް ސަރަހައްދުގައި ހަދާ ދަނޑުގައި ލައިޓް ހަަރުކުރުމަށް ބޭނުންވާ ކޭބަލްތައް ނެތްކަން އެމްއާރްޑީސީ އައްޑޫ ގޮފީގެ ވެރިންނަށް "އެނގިލެއްވީ" ލައިޓް ހަރުކުރާ ހިސާބަށް ދިއުމުންނެވެ.
"ޖެއްސުން ކުރެއޭ ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫން"
ހިތަދޫގެ ޒުވާނުން އެމްއާރްޑީސީ އައްޑޫ އޮފީސް ސިފަ ކުރަނީ އެމީހުންނަށް ޖެއްސުން ކުރާ ބައެއްގެ ގޮތުގައެވެ. ވާހަކަ ދެއްކުމަށް ބޭނުން ނުވާ ވަރަށް ވެސް "އަބުއި" ބޭފުޅުންތަކެއްގެ ގޮތުގައެވެ.
"އަޅުގަނޑުމެން ގުޅީމާ އެމްއާރްޑީސީ އެމްޑީ ވެސް ފޯނަށް ޖަވާބު ދެއްވާ. ކީއްވެތޯ އައްޑޫ އޮފީހުގެ ވެރިންނަށް އެހެން ނުވާންވީ. އޮފީހަށް ގޮސް އެދުނަސް އެޕޮއިންޓްމެންޓެއް ނުލިބޭނެ. އެމީހުންގެ މަސައްކަތާއި މެދު ސުވާލު ކޮށްފިއްޔާ އަހަރުމެންނަކީ އިދިކޮޅު މީހުން" ހިތަދޫ ޒުވާނެއް ކިޔައިދިނެވެ.
ހިތަދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި ލީޑްކުރާ ފަރާތަކުން ބުނި ގޮތުގައި، އެމްއާރްޑީސީގެ އިސްވެރިންގެ ކަންތައް ހުންނަ ގޮތުން ސަރުކާރާއި މެދު ޒުވާނުންގެ ހިތުގައި ރުޅިވެރިކަން އުފެދިފައިވާ ކަމަށެވެ.
" ބައެއް ފަހަރަށް ހީވޭ ގަސްތުގައި ކުރާ ކަމެއް ހެން. އެހެންޏާ ފުސްމޫނު ދައްކައިގެން އަބަދު މިތިބެނީ. ގުޅީމަ ފޯނެއް ނުނަގާ. އެހާ ވެސް ބިޒީ. އެކަމަކު އޮފީހަށް ކާޑު ޖަހާފައި މިތިބެނީ ގޮސް ކޮފީ ބޯން. ބަލަ ރައީސް ވެސް މި މަސައްކަތް ހަވާލުކުރީ ރައްޔިތުންނަށް ޚިދުމަތް ކުރަން."
ސަރުކާރުން ޒުވާނުންނަށް ދޭ މެސެޖަކީ ޒުވާނުންގެ ކުރިއެރުމަށް ކަންތައް ކޮށްދޭނެ ވާހަކައެވެ. ފަހި ފުރުސަތުތައް ޤާއިމްކޮށްދޭނެ ވާހަކައެވެ. އެހެން ނަމަވެސް މައި ސަރުކާރުން ކަނޑައަޅާ ގޮތަށް އެކަންތައް ކޮށްދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފަސްޖެހުމަކީ، ނުވަތަ ނުކުޅެދުމަކީ މައްސަލައެކެވެ.
އެގޮތަށް އެކަން ދިމާވަނީ ވަސީލަތްތައް ނެތިގެން ކަން ނުވަތަ އެހެން ސަަބަބަކާއި ހުރެ ނަމަ އެކަމެއް ވެސް ކިޔައި ދިނުމަކީ، ޒިންމާދާރު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވަން ޖެހޭ ކަމެކެވެ.
ބޮޑު މުސާރަ ދީފައި އެމްއާރްޑީސީ އައްޑޫ އޮފީހުގައި ވެރިން ބައިތިއްބާފައި ތިބެނީ ރައްޔިތުންގެ ޝަކުވާ ވެސް އަޑު އަހާށެވެ. މިވާހަކަ ދެއްކީމާ އެއީ އަބުރާއި ބެހުން ކަމަށް ވެއްޖެ ނަމަ އެއީ އަދި މުޅިން އެހެން މައްސަލައެކެވެ.