ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި މި ސަރުކާރުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި އަކުރަމް ކަމާލުއްދީން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓްގައި މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ގ. ކެނެރީގެ މުޙައްމަދު ނަޝީދު އާއި، ޏ.ފުވައްމުލައް، ދޫޑިގަން، އީސްޓުލައިޓް، ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު އާއި، ކ.މާލެ، އެވަރލާސްޓް، އަކްރަމް ކަމާލުއްދީން ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގ. ކެނެރީގެ މުޙައްމަދު ނަޝީދު ހައްޔަރު ކުރުމުގެ އަމުރު ހޯދާފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިފާހަގަ ކޮށްފައިވާ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަޙްޤީޤަށާއި، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމަށް ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ޖަލުހުކުމް ތަންފީޒް ކުރަން ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައި ވާތީކަމަށެވެ.
ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުއާއި، އަކްރަމް ކަމާލުއްދީން ހައްޔަރުކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޯޓު އަމުރު ހޯދާފައިވަނީ އެ 2 މީހުން ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައިނުވުމުގެ އިތުރުން ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަދެއްކުމަށް 2016 އޮގަސްޓް 4 ވަނަ ދުވަހުން ފެށިގެން ދިން 14 ދުވަހުގެ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ 2 މީހުންކުރެ މީހަކު ހާޒިރުވެފައި ނުވާތީ އާއި ހާޒިރު ނުވެވޭ ސަބަބެއްވެސް އަންގާފައި ނުވާތީ ތަޙްޤީޤު ފުރިހަމަ ކުރުމަށްކަމަށެވެ.
ނަޝީދު އާއި ޑރ. ޖަމީލް އަދި އަކްރަމް ކަމާލުއްދީން ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރު ހޯދާފައިވާ އިރު ރައީސް ނަޝީދު މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. ޑރ. ޖަމީލް އާއި އަކްރަމް ކަމާލުއްދީން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ. މި ހުރިހާ ބޭފުޅުންވެސް ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.