"ނަށާލަމާާާ" އާއި "ވައި ސޯންގް" ކަހަލަ އާންމުންގެ މެދުގައި މަގުބޫލް ވީޑިއޯ ލަވަތަކެއް ނެރެފައިވާ ޑިޓިއުން ބޭންޑުން މިހާރު މި ވަނީ އަނެއްކާ ވެސް އާ ވީޑިއޯ ލަވައެއް ނެރެފަ އެވެ.
އެއީ މި މަހުގެ 28 ވަނަ ދުވަހު ނެރުނު "އައްޗި ޗީ ޗީ" އެވެ.
ކުރީގެ ލަވަތަކެކޭ އެއްގޮތަށް މި ފަހަރު ވެސް ލަވަ ކިޔައިފައި ވަނީ ބޭންޑްގެ ފިރިހެން ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފުޖީ) އެވެ.
އޭނާގެ އަޑުން ލަވަ އަޔަސް، ލަވަ މި ފަހަރު މާ ބޮޑަށް ވެސް ތަފާތެވެ. "އައްޗި ޗީ ޗީ" ހަދާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު "ސިން ސިޓީ" އާ ދާދި އެއްކަހަލަ ގޮތަކަށެވެ.
ލަވައިން ފެންނަ ކެެރެކްޓާތަކުގައި ހުރީ "ސިން ސިޓީ" ގެ ކެރެކްޓާތަކުގެ ކުލަ އެވެ. އެއީ ރަތާއި ކަޅެވެ.
މި ލަވައިގެ ވީޑިއޯ ހަދާފައި ވަނީ ޗޮޕާޓުންނެވެ.
ޑިޓިއުން ބޭންޑުން ބުނި ގޮތުގައި ލަވައިގައި ދައްކުވައި ދެނީ ބޭންޑްގެ މެމްބަރުންނަށް ދިމާވި ހަގީގީ ހާދިސާއެކެވެ.
އެހެންވެ މި ފަހަރު އޮތް އެންމެ ބޮޑު ސުވާލަކީ ބޭންޑަށް ދިމާވި ހާދިސާ ބޭންޑްގެ ލަތަކަަށް ލޯބި ކުރާ ފޭނުންނަށް ކަމުދިޔަތޯ އެވެ.
ލަވަ ނެރުނުތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ. ލަވައިގެ ވިއުސް މިހާރު ވަނީ 12،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.