Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ވިއްސާރަވެގެން އަދި ބޮޑު ގެއްލުމެއް ނުވޭ: ޑިޒާސްޓާ

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރޔ ކުރަމުންދާ ވިއްސާރާގައި، މިހާތަނަށް އެއްވެސް ރަށަކަށް ބޮޑު ގެއްލުމެއް ލިބިގެން އެއްވެސް ރަށަކުން ރިޕޯޓުކޮށްފައި ނުވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

އެހެން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގައި އެ ސެންޓަރުގެ ޑިރެކްޓަރު ހިސާން ހަސަން ވިދާޅުވީ އެއްވެސް ރަށަކަށް ބޮޑު ގެއްލުމެއް މިހާތަނަށް ނުލިބުނު ނަމަވެސް އެހީ ތެރިކަން ފޯރުކޮށް ދޭން ޖެހޭ ރަށްރަށަށް އެކަން ކޮށް ދެމުން އަންނަ ކަމަށެވެ.

އައްޑު އަށް އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި ހިތަދޫގެ ބޮޑު ބައެއްގައި ފެން ބޮޑުވެ، ބައެއް ގޭގެ އަށް ވެސް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވެ އެވެ.

ހިސާން ވިދާޅުވީ ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ރަށްރަށުގެ ކައުންސިލާއި އެމްއެންޑީއެފްގެ އޭރިއާތަކާއި އެހެން މުއައްސަސާތަކުގެ އެހީތެރިކަމާ އެކު ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބޮޑު ގެއްލުމެއް ނުވޭ. ނަމަވެސް ކޮންމެވެސް ވަރަކަށް ފެންބޮޑުވެގެން ރިޕޯޓުތަކެއް އައި. އަޅުގަނޑުމެން މިދަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ވަމުން،" އޭނާ ވިދާޅުވި އެވެ.