ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ބޭސް ފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި އުޅުއްވުމަށް ފަހު މިހާރު އަވަށްޓެރި ސްްރީ ލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން އަންނަނީ ޑިމޮކްރަސީގެ މަސައްކަތްތަ ކަމަަށާއި ދިވެހި ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ނުބެލެވޭ ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.
ސްރީލަންކާ ސަރުކާރުގެ ތަރުޖަމާނު ރާޖިތަ ސޭނާރަތުނައާ ހަވާލާދީ "ކޮލޮމްބޯ ގެޒެޓް" ގައި ބުނީ ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ނަޝީދުގެ ހުންނެވި ރާއްޖޭގެ ޑިމޮކްރަސީގައި ހުރި މައްސަލަތަކެއް ކަމަށެވެ. އެހެންވެ އެއީ ދިވެހި ސަރުކާރު ވައްޓާލަން އެ މަނިކުފާނު ކުރައްވާ މަސައްކަތެއް ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ސްރީލަންކާގެ އޭރުގެ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފައިވޭ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ލަންކާގައި ހުންނަވައިގެން،" ރާޖިތަ ވިދާޅުވި އެވެ. "މިހާރު ވެސް އެމަނިކުފާނު ލަންކާގައި ކުރައްވަމުން ގެންދަވަނީ އެފަދަ މަސައްކަތެއް ކަމަށް ބެލެވޭ."
އޭނާ އަދި ވިދާޅުވީ ރައީސް ނަޝީދު ލަންކާގައި ސިޔާސީ މަސައްކަތް ކުރައްވައިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މީގެ ކުރިން ހީނަރުވެފައި ނުވާ އިރު، މިހާރުވެސް އެ ގުޅުން ހީނަރުވެގެން ނުވާނެ ކަމަށެވެ.
ނަޝީދު ސްރީލަންކާގައި މިހާރު ހުންނެވި އިރު، މައިބަދައިގެ އޮޕަރޭޝަނަކަށް އެ މަނިކުފާނު ވަޑައިގެންނެވި އިނގިރޭސިވިލާތުން ވަނީ ސިޔާސީ ހިމާޔަތް ވެސް ހޯއްދަވައިފަ އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޮޕޮޒިޝަން (އެމްޔޫއޯ) ގެ ނަމުގައި އިއްތިހާދެއް ހަދައިގެން ނަޝީދާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި އިންތިގާލީ ސަރުކާރަށް ގާއިމު ކުރާށެވެ.