އައްޑޫ ގަމުގައި ކުރިން ދޫގަސްގެ ނަމުގައި ހިންގި ސަރުކާރުގެ ގެސްޓް ހައުސް ދެ މިލިއަން ޑޮލަރުގެ ލޯނަކަށް ރަހުނުކޮށްފައި ވާތީ، އެތަން އެހެން ބަޔަކަށް ދިނުން ހުއްޓުވުމުގެ އަމުރަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން މިއަދު ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދޫގަސް ހަވާލު ކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
އަދި އެ ކުންފުނިން ވަނީ އެތަނުގައި 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
ދޫގަސް ހިންގުން އެމްޕީއެލް އާ ހަވާލު ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމާފައި ވަނިކޮށް އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ބީއޯސީން ކޯޓުގައި އެދުނީ ދޫގަސް ކުރިން ހިންގި އެމްވީކޭގެ ފަރާތުން ދޫގަސް ރަހުނުކޮށް ބީއޯސީން ނަގާފައިވާ ލޯނާ ގުޅިގެންނެވެ.
އެ ބޭންކުން އަމުރު ނެރެދޭން އެދިފައި ވަނީ އެމްވީކޭގެ ފަރާތުން ދޫގަސް ހިންގި އިރު އެތަން ރަހުނުކޮށް ނަގާފައިވާ 2.7 މިލިއަން ޑޮލަރު ނުދައްކައިގެން އެމްވީކޭއާ ދެކޮޅަށް ބީއޯސީން ކުރާ ދައުވާގަ އެވެ.
އެމްވީކޭ އާ ދޫގަސް ހަވާލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދެކުނުގެ ދަތުރުގެ ފަތުރުގެ ސަބްސިޑީއެއްގެ ގޮތުގައި 50 އަހަރުގެ މުއްދަތަކަށެެވެ.
އެ ކުންފުންޏަށް އެތަން ދިނުމުން ފަހުން ވަނީ ގޭން އައިލެންޑް ރިޓްރީޓް (ޖީއައިއާރް) ގެ ނަމަށް ބަދަލުކޮށް، ތަނަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.
ބީއޯސީން ބުނީ ލޯނު ނުދައްކައިގެން އެމްވީކޭއާ ދެކޮޅަށް އެ ބޭންކުން ކުރާ ދައުވާ ނުނިމެނީސް، ރަހުނުކޮށްފައިވާ ދޫގަސް އެހެން ބަޔަކަށް ދީފި ނަމަ އެ ބޭންކަށް ބޮޑެތި ގެއްލުންތައް ލިބި، ބޭންކުގެ ހައްގުތައް ގެއްލިގެން ހިނގައި ދާނެ ކަމަށެވެ.
އެހެންވެ އެ ބޭންކުން އެދިފައި ވަނީ އެމްވީކޭއާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ ނިމުމުގެ ކުރިން ދޫގަސް އެހެން ބަޔަކަށް ނުދޭން އަމުރުކޮށް ދޭށެވެ.