Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ތަހުގީގެއް ރައީސް ޔާމީންގެ މައްޗަށް ކުރެވޭނެ: ޖަމީލް

އަލްޖަޒީރާއިން ތަހުގީގުކޮށް އާންމު ކުރި ޑޮކިއުމެންޓަރީ، "ސްޓީލިން ޕެރެޑައިސް" ގައި ހާމަވެގެންދިޔަ ހެކިތަކުގެ ސަބަބުން ރައީސް ޔާމީނު ހައްޔަރުކުރުމަށް އަމުރެއް ނެރެ އެމައްސަލަތައް ބައިނަލްއަގުވާމީ އިދާރާތަކުން ތަހުގީގު ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަލްޖަޒީރާ ޑޮކިއުމެންޓަރީ އިން ހާމަވިކަންތަކަށް ބަލާއިރު ކުރިއަށް އޮތް މުސްތަގުބަލުގައި ރައީސް ޔާމީނު ހައްޔަރުކުރުމަށް ބައިނަލް އަގްވާމީ އަމުރު ނެރެ، މައްސަލަ ތަހުގީގު ކުރާނެ ކަމަށް ދެކިވަޑައިގަންނަވާނެކަމަށެވެ.

އަލްޖަޒީރާއިން އާންމު ކުރި ކުރު ޑޮކިއުމެންޓަރީގައި ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި ބައިވެރިވެގެން ދިވެހިންގެ ފައިސާއިން އެތައް ބިލިޔަން ޑޮލަރެއް ބޭރުގެ ފަރާތްތައް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ވައްދާފައިވާކަމަށް ދައްކުވާދީފައިވެއެވެ.

އަދި އެއްވެސް އިންސާފެއް ނެތި ރާއްޖޭގެ އެކި ރަށްތަކާއި، ފަޅުތައް ބޭރުގެ އިންވެސްޓަރުންނަށް ވިއްކައި އޭގެއިން ލިބުނު ފައިސާ ވެސް އެމަނިކުފާނު ނަންގަވާފައިވާކަން ހާމަވެގެން ގޮސްފައިވެއެވެ.

ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން އިންތިހާއަށް ފެނިގެން ގޮސްފައިވާ މިޑޮކިއުމެންޓަރީގައި ހީނުކުރާ ވަރަށްވުރެ ބޮޑަށް ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާކަން ރައްޔިތުން ދަނީ ސޯޝަލް މީޑިޔާގައި ފާހަގަކުރަމުންނެވެ.

ނަމަވެސް މި ރިޕޯޓްގައި ހާމަކޮށްފައިވާ ކަންކަން ސަރުކާރުން ދޮގު ކުރެއެވެ.