Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

"ސްޓީލިން ޕެރެޑައިސް" ދެއްކުމުގައި ސަމާލުވާން އަންގައިފި

އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޓީމުން މިއަދު އާންމުކުރި ޑޮކިއުމެންޓަރީ، "ސްޓީލިން ޕެރެޑައިސް" ބްރޯޑްކާސްޓު ކުރުމުގައި ސަމާލުވުމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން މީޑިޔާތަކަށް އަންގައިފިއެވެ.

ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައިވަނީ އަލްޖަޒީރާ އިންވެސްޓިގޭޓްސް – ސްޓީލިންގ ޕެރަޑައިސް” ޑޮކިއުމެންޓްރީގައި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފު އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އޭގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ ބައެއް ކޮންޓެންޓް ހުރިކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް އެކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން ހުރިހާ މީޑިޔާއެއްވެސް ޚަބަރު ފެތުރުމުގައި ބްރޯޑްކާސްޓިން ގާނޫނާއި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބްރޯޑްކާސްޓު ކުރުމާއި ރިބްރޯޑްކާސްޓު ކުރުމަށް އިލްތިމާސް ކުރާ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

އަދި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ހިލާފުވެފައިވާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ބްރޯޑްކޮމް އިން ވަނީ މީޑީޔާ ތަކަށް އަންގާފައެވެ.