ރާއްޖެއިން ބޭރުގެ ސިޔާސީ ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަސް މުއްދަތެއްގައި ގައުމަށް އެނބުރި ވަޑައިގަންނަވާނޭ ވާހަކައަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގޮންޖައްސަވައިފިއެވެ.
އޮންލައިން ނޫސް "ސަން" އިން މިނިސްޓަރާއި ހަވާލާދީ ރިޕޯޓުކޮށްފައިވަނީ ރައީސް ނަޝީދު ގައުމަށް އެނބުރި ވަޑައިގަންނަވާނޭ ކަމަށް ބުނި ނަމަވެސް އެބޭފުޅާއަށް ދެން އެނބުރި ވަޑައިގަންނަވާކަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދާއި އެމަނިކުފާނާ އެއްކޮށް އިދިކޮޅު އިއްތިހާދުގައި މަސައްކަތް ކުރާ އެއްވެސް ސިޔާސީ ފަރާތަކަށްވެސް ދެން އެނބުރި ރާއްޖެ ވަޑައިގަންނަނަވަން ކެރިވަޑައިނުގަންނަވާނެކަމަށް އަޒްލީން ވަނީ އިތުރުކޮށްފައެވެ.
އަދި އެއީ އެމަނިކުފާނުގެ ސަޕޯޓަރުން ހިތްހަމަ ޖައްސާލުމަށް ދައްކަވާ ވާހަކައެއް ކަމަށާއި އެކަން ގަބޫލުކުރާނެ ބަޔަކު މިގައުމުގައި ނެތް ކަމަށް އަޒްލީން ވަނީ އަލިއަޅުވާލާފައެވެ.
ނަޝީދުގެ ބޭނުމަކީ ރާއްޖޭގައި އޮތް އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ނައްތާލައި ހަމަނުޖެހުން އުފެއްދުމަށް ކަމަށާއި އެހެން ނަމަވެސް މިހާރު އެބޭފުޅާގެ ބަސް ގަބޫލުކޮށް މަގުތަކުގެ އަމާންކަން ނަގާލާނެ ބަޔަކު ނެތްކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ރައީސް ނަޝީދު ލަންކާއަށް ސިޔާސީ ބައްދަލުވުމެއްގައި ވަޑައިގެންނެވުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވަރަށް ކައިރި މުސްތަގުބަލެއްގައި ލަންކާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި ރާއްޖެއަށްވެސް އެނބުރި ވަޑައިގަންނަވާ ދުވަސް ވަނީ ކައިރިވެފައިކަމަށް ވިދާޅުވެފައިވެއެވެ.
އަދި ގާނޫނީ ހަމަތަކުގެ މަތިން 2018 ގެ ކުރިން މިހާރު ރާއްޖޭގައި އޮތް ސަރުކާރު ބަދަލުކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުން ހަރުއަޑުން ގޮވަމުން ދަނިކޮށް ބީބީސީ އިންވެސް ވަނީ ދާދި ފަހުން އެފަދަ ޚަބަރެއް ފަތުރާފައެވެ.