އެއް ފަހަރު ބުންޏަސް ތެދެއްވާނީ ތެދަށް ކަމަށާއި، އެތައް ހާސް ފަހަރު ބުންޏަސް ދޮގެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާނަ ފުން ޓްވީޓެއް ކުރައްވައިފިއެވެ.
މައުމޫން މިފަދަ ގޮތަކަށް ޓްވީޓް ކުރެއްވި އިރު މައުމޫން އާއި ގުޅޭ ގޮތުން ހަގީގަތާްއި ހިލާފް ދޮގު ވާހަކަތައް ނުދެއްކުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ޕީޕީއެމްއިން ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ވިދާޅުވީ މައުމޫން އާއި ގުޅޭ ގޮތުން ނަޝީދު ގެންދަވަނީ އެކި ފަހަރު މަތިން ހަގީގަތާއި ހިލާފް ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. އަދި އެގޮތަށް ވާހަކަ ނުދެއްކެވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އަލީމް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ކޮލަމްބޯގައި ތިބޭ ބޭރުގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް މައުމޫންއަށް މަޢާފް ކުރައްވާފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލު ކުރެއްވުމަށް މައުމޫންގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ފަދަ ގޮތަކަށް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ނަމަވެސް ސީދާ އެވާހަކަތައް ރައީސް މައުމޫން އާއި ޕީޕީއެމްއިން ދޮގު ކުރައްވާފައި ނުވެއެވެ. ނަމަވެސް މައުމޫން ގެންދަވަނީ މާނަ ފުން ޓްވީޓް ތައް ކުރައްވާފައެވެ.