ގަން އިންޓަނޭޝަނަލް އެއަޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ނިންމައި، އަންނަ މަހު އެތަން ރަސްމީކޮށް ހުޅުވާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.
އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަޙްމަދު ސައީދު ވިދާޅުވީ އެއާޕޯޓްގެ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ކުރިން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަކެވެ.
"އަންނަ މަހުގެ މެދެއްހާތާނގައި ރަންވޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވޭ،" އިބްތިޝާމާ ވިދާޅުވި އެވެ. "މުޅި ޖުމްލަ އަޅުގަނޑުމެންނަށް މިހާތަނަށް ޚަރަދުކުރެވިފައި ވާނެ 45 މިލިއަން ޑޮލަރު. ކުރިއަށްދެން އޮތީ ފޭސް ތިނެއް. އެއީ އިކުއިޕްމަންޓް އަޕްގްރޭޑް ކުރަން އެބަ ޖެހޭ."
އޭނާ އަދި ވިދާޅުވީ އިކުއިޕްމަންޓް އަޕްގްރޭޑަށް 10 ވަރަކަށް މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށެވެ.
"އެހެންވީމަ ޕްރޮޖެކްޓް ކޯސްޓް މުޅިން ނިމޭ އިރު އިންނާނެ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރަށް ވުރެއް ގިނަވެފައި. އޭގެ އިތުރުން އަޅުގަނޑުމެން ހަމަ މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާނެ ހޮޓެލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް،" އިބްތިޝާމާ ވިދާޅުވި އެވެ. "އޭގެ ވެސް ޕްރިމިލިނަރީ ވޯކްސް ވަނީ ނިމިފައި. އަޅުގަނޑުމެން މިހާރު ކޮންސެޕްޓް ޑިޒައިންކުރުމުގެ ޕްރޮސެސްގައި މި އުޅެނީ."
ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެތަނުގައި މިހާރު ބޭނުން ކުރާ ޓާމިނަލް ފުޅާ ކުރާނީ ޑިމާންޑް އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށް އޭއައިއޭ އިން ބުންޏެވެ.
ގަމުގައި ސީ ޕްލޭން ބޭސްއެއް ތަރައްގީކޮށް، އޮޕަރޭޓް ކުރުމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ ވަނީ ހަވާލުކޮށްފަ އެވެ.