ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައި އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހު ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ކައުންސިލްތަކަށް މިހާރު އިންތިހާބުވެފައިވާ ތިއްބެވި ބޭފުޅުންގެ ދައުރު ނިމޭނީ ފެބްރުއަރީ 26، 2017 ގަ އެވެ.
އާބާދީގެ ނިސްބަތަށް ބަލައިގެން ކައުންސިލަރުން އިންތިހާބު ކުރަ ންޖެހޭ އަދަދު މަދުވާ ގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ހަ ވަނަ އިސްލާހާއި އެ އިސްލާހާ އެއްގޮތްވާ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް މިއަހަރު ގެނެވުނު ދެވަނަ އިސްލާހާ ގުޅިގެން އަންނަ އަހަރު އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު މަދު ވާނެ އެވެ.
އެގޮތުން ދެ އިންތިހާބީ ދާއިރާ އަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރެވެ.
އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބު ކުރެވޭ ތިން މެންބަރުންނެވެ.
މީގެ އިތުރުން މި އިސްލާހާ ގުޅިގެން 3،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެންބަރުންނެވެ.
އަދި 3،000 އަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންނެވެ