ރާއްޖޭގެ ގައުމީ ރޯވިން ޓީމް ފަސް ވަނަ ބީޗް ގޭމްސްގައި ބައިވެރިވުމަށް ވިއެޓްނާމަށް ރޭ ފުރައިފި އެވެ.
މާލެއިން ބޭރުގައި ހަރަކާތްތެރިވާ ހަމައެކަނި އެސޯސިއޭޝަން ކަމަށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަހްމަދު ހަބީބް ވިދާޅުވީ ވިއެޓްނާމްގެ ދަނާންގ ގައި ކުރިއަށްދާ ބީޗް ގޭމްސްގެ ރޯވިންގައި ބައިވެރި ވުމަށް އެސޯސިއޭޝަންގެ ފަރާތުން 8 އެތްލީޓުންނާއި، ދެ އޮފިޝަލުން ހިމެނޭ ޓީމެއް ފުރާފައިވާ ކަމަށެވެ.
އެޓީމްގެ އޮފިޝަލުން ވިއެޓްނާމްއަށް ދިއުމަށް އައްޑޫން ފުުރީ އިއްޔެ ހެނދުނުއެވެ. ހެނދުނު ގަން އެއާޕޯޓުން ފުރަން ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ އާއި ކައުންސިލްގެ އިތުރުން ބައެއް މުވައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެފައެވެ.
ރޯވިން ޓީމް ރޭ ވިއެޓްނާމްއަށް ފުރުމުގެ ކުރިން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޓީމާއި ބައްދަލުކޮށް ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ.
ހަބީބް ވިދާޅުވީ ރޯވިން ޓީމް ވާދަ ކުރާ ފުރަތަމަ ހީޓް މިމަހުގެ 27ވަނަ ދުވަހު އޮންނާނެކަމަށެވެ. މުބާރާތަށް ފަހު ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.
"މިފަހަރު ޓީމް ވިއެޓްނާމްއަށް މި ދިޔައީ 6 މަސް ދުވަހުގެ ފަރިތަ ކުރުން ތަކަށް ފަހު، ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް މިބަލަނީ"
ހަބީބް ވިދާޅުވީ ރޯވިންގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ޔޫތުން ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކުގައި ހަރުދަނާ ގޮތެއްގައި ރޯވިން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަރަކާތްތައް އައްޑޫގައި ކުރިއަށް ގެންދިޔަ ނަމަވެސް ކުރިމަގުގައި އެކުޅިވަރު އިތުރަށް ފުޅާ ކުރުމަށް ރާވާފައިވާ ކަމަށް ހަބީބް ފާހަނގަ ކުރެއްވިއެވެ.