ކުޑަކުދިން މާ ގިނައިން ޓީވީ ބަލާ ނަމަ މައިންބަފައިން އެކަމާ އަބަދު ވެސް ކަންބޮޑުވެ އެވެ. ބައެއް ފަހަރަށް ޓީވީ ބަލައިގެން ނޫން ގޮތަކަށް ކާ އެއްޗެއް ވެސް ދިރުވާލަން ކުޑަކުދިން ދެކޮޅު ހަދާ ފަހަރު އާދެ އެވެ.
އަދި ކާޓޫން ފަދަ ޕްރޮގްރާމްތައް ދުވާލުދާ ހަތަރުދަމު ބަލަން ވެސް ބައެއް ކުދިން ބޮޑާ ހާކަ އެވެ. މިއީ ހުއްޓުވަން ބޭނުންވި ނަމަވެސް ބެލެނިވެރިންނަށް އެހާ ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.
ކުދިން ޓީވީ ބެލުމުގެ މައްސަލަ ބެލެނިވެރިންގެ ބޮލުގެ ރިހުމަކަށްވެފައިވާ އިރު، ފަހުގެ ދިރާސާއަކުން އަނެއްކާ ވެސް މައިންބަފައިންގެ ފިކުރު ބޮޑުވާ ގޮތް ވެއްޖެ އެވެ.
އެ ދިރާސާގައި ބުނަނީ ދުވާލަކު 15 މިނިޓް ނުވަތަ އެއަށް ވުރެ ގިނަ ވަގުތަށް ކުދިން ޓީވީ ބަލާ ނަމަ ކުދިންގެ ވިސްނުން ކޮށިވެ، އުފެއްދުންތެރިކަން ދަށްވާ ކަމަށެވެ.
އެކަމަކު މިއާ ހިލާފަށް ކުދިން ގިނައިން ފޮތް ކިޔައި، ވިސްނައި ފިކުރު ކުރެވޭ ކަހަލަ ގޭމްތައް ކުޅޭ ނަމަ، އުފެއްދުންތެރިން ހިޔާލުތައް އުފެދި، ކަންކަމާ ދޭތެރޭ ވިސްނާ ގޮތަށް ބޮޑު ހެޔޮ ބަދަލެއް އާދެ އެވެ.
"އެކަމަކު ކާޓޫން ފަދަ ޕްރޮގްރާމްތަކަށް ކުދިން ދެވިހިފައި އެ އެއްޗެހި މާ ގިނައިން ބަލާ ނަމަ ވިސްނުން ކޮށިވެ، ސިކުނޑީގައި އުފެއްދުންތެރި ހިޔާލުތައް އާލާވުމުގެ ފުރުސަތު ކުޑަވޭ،" ދިރާސާ ހެދުމުގައި ބައިވެރިވި އިނގިރޭސިވިލާތުގެ ސްޓަފޯޑްޝައާ ޔުނިވަސިޓީގެ ލެކްޗަރާ ސާރާ ރޯޒް ވިދާޅުވި އެވެ. "ކާޓުން އެއްޗެހި ބަލާ ނަމަ ކުދިންގެ ސިކުނޑި ތެރޭގައި އަމިއްލަ ހިޔާލުތައް އާލާވުމުގެ ފުރުސަތު ކުޑަކޮށްދޭ. އެހެންވެ މިއީ ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ ކަމެއް."
އެހެންވެ މިއީ ޓީވީ އާ ވީހާ ވެސް ބޮޑަަށް ކުދިން ދުރު ކުރަން ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހޭ ސަބަބެކެވެ.
ޓީވީ ބަލަން ދަރިފުޅު ހާކާ ނަމަ، އޭނާ ޝައުގުވެރިވާ ކަހަލަ އެެެހެން ކޮންމެވެސް ކަމެއްގެ ތެރެއަށް ވެއްދޭތޯ ބަލާށެވެ.