ރޭ ހިތަދޫގައި ހިނގި ގްރޫޕް މާރާމާރީގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަަސައްކަތް ކުރަމުން އަންނަކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހް ސައީދު ވިދާޅުވީ، މާރާމާރީ އާއި ގުޅިގެން މާލެ ފޮނުވާލަނީ އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ލިބުމާއި ގުޅިގެން އިތުރު ޓެސްޓް ހަދަން ޖެހެތީ ކަމަށެވެ.
ޝާހް ވިދާޅުވީ މާރާމާރީ އާއި ގުޅިގެން ގެނައި ފަސް މީހުންގެ ތެރެއިން އެކަކު ރޭ ދޫކޮށްލާފައިވާ އިރު ދެން ތިބި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ރޭގެ މާރާމާރީ އާއި ގުޅިގެން ހޮސްޕިޓަލުން ފަރުވާ ދެމުންދަނީ މުޅިވެސް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމް ވެފައިވާ މީހުން ކަމަށް ޝާހް ވިދާޅުވިއެވެ.
ރޭގެ މާރާމާރީ އާއި ގުޅިގެން ފުލުހުން އަންނަނީ ރަށުތެރެ ބެލެހެއްޓުމުގެ ހާއްސަ ހަރަކާތެއް ހިންގަމުންނެވެ. މި ހާދިސާގެ ތަހްގީގް ފަށާފައިވާ އިރު މާރާމާރީ އާއި ގުޅުން ހުރި ފަރާތްތައް ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.