ދުނިޔޭގެ ކޮންމެ ދިހަ މީހުންގެ ތެރެއިން ނުވަ މީހުން ގޭގައާއި ގެއިން ބޭރުގައިވެސް ނޭވާ ލަނީ ނުސާފު ވައިގެތެރެއަށް ކަމަށް ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ ވައި ނުސާފު ހިސާބުތަކުގައި ގާތްގަނޑަކަށް 92% އާބާދީ އުޅޭއިރު، އެކަމުގެ ސަބަބުން ފުއްޕާމެއިގެ ކެންސަރާއި ހިތުގެ ބަލިތަކަށް މަގުފަހިވާނެއެވެ.
އެފަދަ ބަލިތަކުގެ ސަބަބުން މަރުވާ ކޮންމެ ތިން މީހުންކުރެ ދެ މީހުންނަކީ ދެކުނު އިރުމަތީ އޭޝިއާއާއި ހުޅަނގު ޕެސިފިކް ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި ފަގީރު ޤައުމްތަކުން އެފަދަ މަރުތައް ރިޕޯޓްކުރާ މިންވަރު މާ ގިނައެވެ.
ކޮންމެ އަހަރަކު ތިން މިލިއަންއެއްހާ މީހުން މަރުވަނީ ބޭރުތެރޭގެ ވައި ނުސާފުވުމުގެ ސަބަބުން ދިމަވާ ބަލިތަކުންނެވެ.
ޑަބްލިއުއެޗުއޯ އިން ބުނާ ގޮތުގައި ގޭތެރޭގެ ވައި ނުސާފުވުމުގެ (ދަރު އެންދުމުންނާއި ކައްކާއިރު ނިކުންނަ ދުން) މައްސަލަވެސް އޭގެތެރެއަށް ލައިފިނަމަ، ކޮންމެ ނުވަ މަރަކުން އެއް މަރާ އެކަމާ ގުޅެއެވެ.
ވައިގެ ކޮލިޓީ ބެލުމަށް ބޭނުންކުރާ މޮޑެލްއަކީ ހަށިގަނޑުގެ ލޭދައުރުކުރާ ނިޒާމަށް ވަދެ ސިކުނޑިއަށް ފޯރާވަރުގެ އެންމެ ކުޑަ އެއްޗެހި (2.5 މައިކްރޯމީޓަރަށްވުރެ ކުޑަ) ވެސް މިނާ އެއްޗެކެވެ.
އެކި ޤައުމުތައް އަޅާކިޔާއިރު، ވައި ނުސާފުވުމުގެ ސަބަބުން މަރުވާ މީހުން އެންމެ ގިނައީ ތުރުކުމިނިސްތާންގައެވެ. އެ ލިސްޓުގެ އެންމެ މަތީ ފަސް ޤައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ތަޖިކިސްތާން، އުޒްބެކިސްތާން، އަފްޣާނިސްތާނާއި މިސްރެވެ.
"މުއްސަނދި ޤައުމުތަކުން ދަނީ ވައިގެ ކޮލިޓީ ރަނގަޅު ކުރުމަށް މާ ގިނަ މަސައްކަތްކުރަމުން"، ޑަބްލިއުއެޗުއޯގެ ފަރާތުން ކާލޮސް ޑޯރާ އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"ފަޤީރު ޤައުމުތަކުގެ ޙާލަތު ދަނީ ދަށަށް. އެއީ ޖުމްލަކޮށް ވާގޮތަކީ"، އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ޑޯރާ ވިދާޅުވީ އުތުރު އެމެރިކާ މަސައްކަތް ކުރަނީ ޔޫރަޕަށްވުރެ ރަނގަޅަށް ކަމަށެވެ. އެއީ ޔޫރަޕް ބޮޑަސް ބަރޯސާވަނީ ޑީސެލް ތެލާއި، އެމޯނިއާ އަދި މީތޭންފަދަ ގޭސްތައް އުފައްދައިދޭ ދަނޑުވެރިކަމަށެވެ.
ޗައިނާގެ ނުސާފުވައިގެ ސަބަބުން މީހުން މަރުވާ ޤައުމުތަކުގެ ލިސްޓުގެ ހަވަނައަށް އަންނަ ޤައުމެވެ. ޗައިނާއަކީ މުއްސަނދި ޤައުމަކަށްވިޔަސް، އެ ޤައުމުގެ ސިޓީތަކުގެ ވައި ވަނީ ގިނަ އަދަދެއްގެ ދުމުގެ ސަބަބުން ކިލަނބުވެފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނާ ގޮތުގައި ނުސާފު ވައިގެ މައްސަލައަށް އޮތް ހައްލަކީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމާއި، ކުނި މެނޭޖުކުރުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމެވެ.
އެ ޖަމިއްޔާއިން އެންމެ ފަހުން ނެރުނު ޑޭޓާއަކީ މިހާތަނަށް ޑަބްލިއުއެޗުއޯ އިން ކުރި އެންމެ ތަފްސީލީ ދިރާސާގެ ނަތީޖާއެވެ.
އެ ރިޕޯޓް ބިނާކޮށްފައިވަނީ 2012 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށެވެ. އެއީ މިހާރު ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތެވެ.