ޖެރާޑް ޕީކޭ މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރި ގޯލާއެކީ ބާސާއިން ބްރޫޝިޔާ މޮންޣްލަބާޗްގެ މައްޗަށް 1-2 އިން މޮޅުވެ ގްރޫޕުގެ އެއްވަނަ ހޯދައިފިއެވެ.
ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، މެސީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން އޭނާއާއި ނުލާ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ކައުންޓާ އެޓޭކުގައި ބާސާއަށް ނުރައްކާ ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން 34 ވަނަ މިނެޓުގައި ތޯގަން ހަޒާޑު ޖެހި ގޯލާއެކު މޮންޣްލަބަޗް ވަނީ މެޗުގެ ލީޑު ނަގާފައެވެ.
ދެވަނަ ހާފުގައި އިވާން ރަކިޓިޗްގެ ބަދަލުގައި އާޑާ ޓުރާން ކުޅެން ނިކުތުމަށްފަހު މިނެޓުތަކެއް ފަހުން އޭނާ ވަނީ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ބާސާއަށް މެޗުން މޮޅުވުމަށް ނަގާފައިވަނީ 9 މިނެޓާއި ކީޕަރުގެ ފަރާތުން ހެދުނު ގޯހެކެވެ.
މިގްރޫޕުގައި މެންޗެސްޓާ ސިޓީއަދި ސެލްޓިކް ބައްދަލު ކުރި މެޗު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ގާޑިއޯލާގެ މޮޅުގެ ރިކޯޑު ނިމުމަކަށް އައިސްފިއެވެ. 3 ފަހަރުވެސް ސިޓީ ފަހަތުން އަރަން ޖެހުނު މިމެޗުގައި މޫސާ ޑެމްބެލޭގެ ދެ ގޯލާއި ރަހީމް ސްޓާލިންގ ގެ ފަރާތުން ބައިކޮޅަށް ވަން ގޯލުން ސެލްޓިކް މެޗު ލީޑު ކުރިއެވެ.
ނަމަވެސް ތިން ފަހަރުވެސް ސިޓީ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ތިންވަނަ މިނެޓުގައި ޑެމްބެލޭގެ ފުރަތަމަ ގޯލު 12 ވަނަ މިނެޓުގައި އެއްވަރުކޮށްފައިވަނީ ފާނާންޑީނިއޯއެވެ. 20 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގްގެ ބައިގޯލު އެއްވަރުކުރީ ހަމަ އޭނާއެވެ. 47 ވަނަ މިނެޓުގައި ޑެމްބެލޭ ތިންވަނަ ފަހަރަށް ސެލްޓިކަށް މެޗުގެ ލީޑު ނަގާދިނުމުން އެއްވަރުކޮށްފައިވަނީ 55 ވަނަ މިނެޓުގައި ނޮލީޓޯއެވެ.
ގްރޫޕުގެ އެއްވަނަ ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކު ބާސާއަށް ލިބިފައިވާއިރު ދެވަނަ 4 ޕޮއިންޓާއެކު ލިބިފައިވަނީ މެންޗެސްޓާ ސިޓީއަށެވެ. ތިންވަނަ ރޭގެ މެޗު އެއްވަރުވި ސެލްޓިކްއަށް ލިބިފައިވާއިރު ގްރޫޕުގެ ފުލަށްގޮސް ކެޓުމުގެ ފުރުސަތު ބޮޑުވެފައިވަނީ މޮންޣްލަބަޗްއަށެވެ.
ރޭގައި ކުޅުނު އިތުރު ގްރޫޕުގެތަކުގެ މެޗުތަކަށް ބަލާއިރު ގްރޫޕް އޭއިން އާސެނަލް ވަނީ 0-2 އިން ބޭސެލް ބަލިކޮށްފައެވެ. އަދި ޕީއެސްޖީ ވަނީ ލުޑޮގްރެޓްސް 1-3 އިން ބަލިކޮށްފައެވެ. ގްރޫޕުގެ އެއްވަނަ ގޯލުގެ ތަފާތުން ޕީއެސްޖީއަށް ލިބިފައިވާއިރު އާސެނަލްއާއި ދެޓީމަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ.
ގްރޫޕް ޑީ ގައި ބެޔާން މިއުނިކްވަނީ އެތްލެޓިކޯ މެޑްރިޑް އަތުން 0-1 އިން ބަލިވެފައެވެ. އެތްލެޓިކޯއަށް މިސީޒަނުގައި ލިބުނު އެންމެ ބޮޑު މޮޅަކަށް މިމެޗުވެފައިވާއިރު 84 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ފުޅާކުރުމަށް ގްރީޒްމެންއަށް ލިބުނު ޕެނަލްޓީ އޭނާއަށް ކާމިޔާބުކުރެވިފައި ނުވެއެވެ.