ދަރިން ތަރުބިއްޔަތު ކުރުމަށް ވަކި ވަކި ގާނުނުތަކެއް ހެދިފައި ނެތް ނަމަވެސް ރަނގަޅުގޮތުގައި އެކުދިން ގެންގުޅެ ބެލެހެއްޓުމަށް މިންގަނޑުތަކެއް އެކުލެވި ތަފާތު ތަޖުރިބާކާރުންގެ ވާހަކަތައް އަބަދުވެސް އަޅުގަނޑުމެންނަށް ދަނީ އިވެމުންނެވެ. .
އެކި ކުދިންނަށް ލޯތްބާއި އަޅާލުން ބޭނުންވާ މިންވަރު ތަފާތުވިނަމަވެސް މިއިން ކޮންމެ އިހުސާސެއް ލިބިގަންނަން ކޮންމެ ކުއްޖަކުވެސް ބޭނުންވެއެވެ. ދަރިފުޅުގެ އެންމެ ހިނިތުންވުމަކަށްޓަކައި އެކުދިންގެ ބެލެނިވެރިން ނުވަތަ މައިންބަފައިން އެތައް ގުރުބާނީތަކެއްވެއެވެ. ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރުމަށްޓަކައި މައިންބަފައިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ.
މިގޮތުން ކުދިންނާއި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
ކުދިންނަކީ ލިބުނު ނިޢުމަތެއްކަމުގައި ގަބޫލުކުރަންޖެހެއެވެ. އެއީ އަޅުގަނޑުމެންނާއި ހަވާލުވެވިފައިވާ އަމާނާތެކެވެ. މިކުދިން ބަލާބޮޑުކުރަނީ މުސްތަގުބަލަށް ނުވަތަ އާމްދަނީ ހޯދުމަށް ނުވަތަ ފައިސާ ތަކެއް އެއްކުރުމަށް ގެންގުޅޭ މުދާގަނޑަކަށް ނަހަދާށެވެ. އެކުދިންނަށް ހިތަވަރުދީ އެކުދިންގެ ބޭނުންތަކަށް އިޙްތިރާމް ކުރާށެވެ.
ތިމާ ނުވަތަ ބެލެނިވެރިޔާ ކުރާ ކޮންމެ ކަމަކީ ދަރިފުޅުވެސް ކުރަން ޖެހޭ ކަމަކަށް ނަހަދާ އެކުދިން ދިރިއުޅުން ބައްޓަން ކުރަން ބޭނުންވާ ގޮތް އޮޅުން ފިލުވައި އެކަމުގެ ރަނގަޅު ނުރަނގަޅުގޮތް ބުނެދޭށެވެ.
ބައެއް ފަހަރު ދަރިފުޅު ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ދިނުން ނުވަތަ ދަރިފުޅު ބޭނުން ވާ ކޮންމެ ކަމެއް ކޮށް ދިނުމަކީ ހަގީގީ ލޯބި ކަމުގައި އަޅުގަނޑުމެންނަށް ހީވާ ފަހަރު އާދެއެވެ. ނަމަވެސް ހަގީގީ ލޯތްބަކީ މިއެއް ނޫނެވެ. ދަރިންގެ އުމުރާ ގުޅޭ ގޮތުން އެކުދިންނަށް ތަރުބިއްޔަތު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކަންތައްތަކެއް ދަސްކޮށްދިނުމަށް ފޯކަސް ކުރުމުގެ ބަދަލުގައި އެކުދިންނާއި އެކު ތިމާ ކަންތައްތަކެއް އުނގެނުމަށް މަސައްކަތް ކުރާ ފަދަ އިހުސާސްއެއް ކޮށްދިނުމަކީ ކުދިން އެކަމަށް ޝައުގުވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއް ކުދިންނާއެކު ހީ ސަމާސާ ކޮށްލުމުގައި ހޭދަ ކޮށްލުމަށް ސަމާލުވާށެވެ.
އިންޓަރނެޓް، ޓީވީ، ގޭމްސް ފަދަ އެއްޗިއްސަށް ދޭ ވަގުތު މަދުކޮށް ކުދިން ގޭގެ އެހެނިހެން މެމްބަރުންނާާއި އެކު ހޭދަކުރެވޭ ވަގުތު އިތުރުވުމުން ކުދިންނަށް އެހެން މީހުންނާއި ގުޅިގެން އުޅެން ދަސްވެ ޢާއިލީ ގުޅުންވެސް ރަނގަޅުވެއެވެ.
ބެެލެނިވެރިޔާއާއި ކުއްޖާއާއި ދެމެދު ގާތް ގުޅުމެއް އުފައްދާށެވެ. މިކަމުގެ ސަބަބުން ކުއްޖާއާއި ދިމާވާ ކަންތައްތައް ބެލެނިވެރިޔާއާއި ހިއްސާކުރުމަށް ކުއްޖާއަށް ފަސޭހަވެގެންދާނެއެވެ. ކުއްޖާއަށް ރައްކާތެރި މާހައުލެއް ފޯރުކޮށް ދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އަދި އެހެންމެ ރަނގަޅު ނަމޫނާ އެކުދިންނަށް ދެއްކުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާ ބަޔަކީވެސް މައިންބަފައިންނެވެ.
ބެލެނިވެރިޔާގެ ފަރާތުން ފެންނަ އަމަލުތަކަކީ ކުއްޖާ އުފެދި ބޮޑުވަމުން އަންނަ އިރު އެންމެ ބޮޑަށް ބަލައިގަންނާނެ ކަންތައްތަކެވެ. އިޙްތިރާމް ކުރާށޭ ބުނުމުގެ ބަދަލުގައި ތިމާއަކީވެސް އެހެން މީހުންނަށް އިޙްތިރާމް ކުރާ މީހެއްކަން އެކުދިންނަށް އަމަލުން ދައްކައި ދޭށެވެ.