Last Updated: November 23, 09:08
Saturday, November 23, 2024
ޚަބަރު

ފުލުހުންގެ ވެލްފެއާ ފަންޑްގެ އުސޫލް އާންމުކޮށްފި

ފުލުހުންގެ ވެލްފެއާ ފަންޑަށް ލިބޭ ފައިސާ އާއި އެހީ ބޭނުން ކުރާނެ ގޮތުގެ އުޞޫލު އެކުލަވާލައި ޢާއްމުކޮށްފި އެވެ.

ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޯރުކޮށް ދެވޭ އެހީއަކީ ހަމަހަމަ ކަމާ އިންސާފުވެރިކަމާ އެކު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފޯރުކޮށް ދެވޭ އެހީއަށް ހެދުމުގެ މަޤްޞަދުގައި އެކުލަވާލި މި އުޞޫލުގައި ވާގޮތުން ފުލުހުންގެ ވެލްފެއަރ ފަންޑުގެ އެހީއަށް އެދި ހުށަހަޅަން ވާނީ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓަށެވެ.

ފުލުހުންގެ ވެލްފެއާ ފަންޑުން ޚަރަދު ކުރެވޭ ދާއިރާތައސް އުޞޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ދާއިރާތަކަކީ ފުލުހަކު ނުވަތަ މުވައްޒަފަކު ނުވަތަ ޢާއިލާގެ މެމްބަރަކަށް ދިމާވާ ޞިއްޙީ ބޮޑެތި ކަންކަމަށް ބޭސް ފަރުވާ ކުރުމާއި، ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ޝަހީދުވާ ފުލުހުންގެ ދަރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ލިބޭ އަނިޔާ ނުވަތަ ގެއްލުންތަކަށް ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަން ޖެހުމުން އެހީތެރިކަން ފޯރުކޮށް ދިނުމާއި، ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔކޮށްފައިވާ މީހުންނަށް ބޭސް ފަރުވާ ކުރުމާއި، އެފަދަ ފަރާތްތަކަށް ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާއި، ޕޮލިސް ކުލަބާއި ޕޮލިސް ވެލްފެއާ އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި އެހީތެރިވުމާ، މުއައްސަސާ ފެންވަރުގައި ކުރެވޭ ކަންކަމުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާ ކަންކަމުގައި އެހީތެރިވުމެވެ.

cp-3

މި އުޞޫލުގައި ބުނާ ގޮތުން ފުލުހުންގެ ވެލްފެއާ ފަންޑުން ޚަރަދު ކުރާނެ ގޮތާއި ޚަރަދުކުރާނެ މިންވަރު އެއަހަރަކަށް ކަނޑައަޅައި އެކަން ކޮމިޝަނަރ އޮފް ޕޮލިސް އިޢުލާނު ކުރައްވަން ވާނެ އެވެ.

މިފަންޑުގެ ކަންކަން ބަލަހައްޓާނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ކަމުގައި ވެސް އުޞޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި އުޞޫލު މޯލްޑިވްސް ޕޮލިސް ސާވިސްގެ މެނޭޖްމަންޓް ބޯޑުން ފާސްކޮށް ފުލުހުންގެ ތެރޭގައި އިޢުލާނުކޮށްފައިވުމާއެކު މި އުޞޫލަށް މިހާރު ދަނީ ޢަމަލު ކުރަމުންނެވެ.

މިއީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތައް އަދި މުވައްޒަފުންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރުމަށް މިހާރަށްވުރެ އިތުރު މަސައްކަތްތަކެއް ކުރުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްގެ އިސްނެންގެވުމުގެ މަތިން ކުރެވޭ މަސައްކަތްތަކެކެވެ.

ޕޮލިސް ވެލްފެއަރ ފަންޑުގެ އުޞޫލު އެކުލަވާލެވުމާއެކު އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މުވައްޒަފަކު ޙައްޖަށް ފޮނުއްވަން ވެސް ވަނީ ނިންމައިފަ އެވެ.