ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީ އަލުން ސްކްރީނަށް އައުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ރާނީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ އޭނާގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2014 ގައި ރިލީޒް ކުރި "މަރްދާނީ" އިންނެވެ.
އެ ފިލްމުފައި ރާނީ ކުޅެފައި ވަނީ ފުލުހެއްގެ ރޯލެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާނީ އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމަކީ ވެސް ވަރުގަދަ އަންހެން ކެރެކްޓާއެއް ފެނިގެން ދާނެ ފިލްމެކެވެ.
މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ ކަރަން ޖޯހަރްގެ ދަރްމާ އަށް 2010 ވަނަ އަހަރު "ވީ އާ ފެމިލީ" ޑައިރެކްޓްކޮށް ދިން ސިދާތު މަލްއުތުރާ އެވެ.
އޭނާ ސްކްރީންޕްލޭ ހިފައިގެން ރާނީ އާއި އަދީ ކައިރިއަށް ދިއުމުން ދެ މީހުންނަށް ވެސް އެ ވަރަށް ކަމުދިޔަ އެވެ. އެހެންވެ ރާނީ ވަނީ އެ ފިލްމް ކުޅެން ވަގުތުން އެއްބަސްވެފަ އެވެ.
މިކަން ރާނީގެ ތަރުޖަމާން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝުޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ.
އެހެން ނަމަވެސް ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރާނީގެ ހަށިގަނޑު ވަރަށް ބޮޑަށް ފިޓް ކުރާނެ އެވެ. ވިހެއުމަށް ފަހު އޭނާ މިހާރު ހުރީ ވަރަށް ބޮޑަށް ފަލަވެ، ބައްޓަން ގެއްލިފަ އެވެ.
ރާނީ އާއި އަދީ 2014 ގައި ކައިވެނިކޮށް ލިބުނު އަންހެން ދަރިފުޅު އަދީރާ އަށް އަންނަ ޑިސެމްބަރު މަހުގެ 9 ގައި އެއް އަހަރު ފުރޭނެ އެވެ.
އެ ދުވަހު އަދީގެ އާ ފިލްމް "ބޭފިކްރް" ވެސް ރިލީޒް ކުރާނެ އެވެ.
ރަންވީރު ސިންގް އާއި ވާނީ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ ޓްރެއިލާ މި މަހުގެ 10 ވަނަ ދުވަހު ޕެރިހުގެ އައިފެލް ޓަވަރުގައި ލޯންޗް ކުރަން ވަނީ ނިންމައިފަ އެވެ.
"ބޭފިކްޜް" ޝޫޓްކޮށްފައި ވަނީ ފްރާންސްގަ އެވެ.