ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ގެއްލުމުގައި ވިއްކަން ޖެހޭ ކަމަށްބުނެ ބައެއް ފިހާރަތަކުން ހަނޑޫ، ހަކުރު އަދި ފުށް ވިއްކުން ހުއްޓާލައިިފި އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މާލޭގެ ބައެއް ފިހާރަތަކުން ބުނެފައިވަނީ ކާޑުގެ ބާވަތްތައް މިހާރު ގަންނަން ލިބޭ ރޭޓަށް ބަލާއިރު ސަރުކާރުން ކަނޑައަޅާފައިވާ އަގުަގައި ވިއްކަންޖެހެނީ ގެއްލުމުގައި ކަމަށެވެ.
ފިހާރަތަކުން ކާޑުގެ ބާވަތްތައް ވިއްކުމަށް ހިނގާ ހަރަދު ހިމަނައިގެން ކާޑްގެ ބާވަތްތައް ވިއްކުމުން ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ މަތިވާކަމަށާއި، އަދި އެގޮތަށް ވިއްކުމުން ޖޫރިމަނާކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ފިހާރަތަކުގެ ވެރިން ބުނީ ކުޑަ ފައިދާއެއް ލިބޭ ކާޑްގެ ބާވަތްތައް މިހާރު ވިއްކުމުން ލިބެނީ ގެއްލުންކަމަށެވެ.
ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލެއިން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް 8 ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރައިފަ އެވެ. މި އަގުތަކަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯ އިންވެސް ވިއްކަމުންދާ އަގެވެ.
އެސްޓީއޯ އިން 50 ކިލޯގެ ހަނޑޫ ބަސްތާއެއް މިހާރު ވިއްކަނީ 398ރ. އަށެވެ. އާންމު މުދަލާއި ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން މި އަގުގައި ހަނޑޫ ބަސްތާ ގަނެގެން ކިލޯ ކިރައިގެން ވިއްކުމަށް ހަރަދުތަކެއް ކުރަންޖެހޭކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.
" އެސްޓީއޯ އިން ހަނޑޫ ބަސްތާ ގަނެގެން އެންމެ ފުރަތަމަ ފިހާރައަށްވެސް މި ގެނެވެނީ 40ރ ޕިކަޕަށް ދީގެން. އަދި ކޮބާ ކިލޯ ކިރައިގެން ވިއްކަން އަޅާ ކޮތަޅާއި މީހުންގެ މުސާރަ" މާލޭގެ ފިހާރައެެއްގެ ވެރިއަކު ސުވާލުއުފެއްދިއެވެ.
ވިޔަފާރިވެރިން ބުނާ ގޮތުން އެސްޓީއޯ އިން ހަނޑޫ ބަސްތާއެއް ގަނެގެން ކިލޯ ކިރައިގެން ކަސްޓަމަރަށް ވިއްކާއިރު ފިހާރައަށް ގަންނަ އަގުގެ ގޮތުގައި ޖެހެނީ 9.66ރ އެވެ. އެއީ ސަރުކާރުން ވިއްކުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ 1.70ރ ގިނަ އަދަދެކެވެ. އެހެންކަމުން ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ވިއްކާނަމަ ފިހާރައަށް ބަސްތާއަކުން 85ރ ގެއްލުންވާނެއެވެ.
ފިހާރަތަކުން ކާޑުގެ ބާވަތްތައް ގެއްލުމުގައި ވިއްކަމުންދާއިރު ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކާކަމުގެ ޝަކުވާ ލިބޭ ކަމަށާއި، އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށްބުނެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިންޒާރުދެއްވާފައެވެ.