ޒުވާނުންނެކޭ އެއްފަދައިން އުމުރުން ދުވަސްވީ މީހުންވެސް ދުޅަހެޔޮ، ސިއްޙަތަށް ފައިދާވާ ގޮތަށް ކެއުން ބައްޓަން ކުރަން ޖެހެއެވެ.
ސްޓާޗުއާއި ފައިބަރު ގިނަ އަދި ފެޓްސްއާއި ހަކުރު މަދުން ހުންނަ ބާވަތްތަކުގެ ކާނާ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެއީ ޚާއްސަކޮށް އެ މީހާއަކީ ދުޅަހެޔޮވަރަށްވުރެ ބަރުދަން މަތި މީހެއް ނަމައެވެ.
އެހެންނަމަވެސް، ފެޓްސް މަދުން ހުންނަ ކާއެއްޗެހި ކެއުމަކީ އުމުރުން ދުވަސްވީ ހުރިހާ އެންމެންނަށް ރަނގަޅު ކަމެއް ނޫނެވެ. އެއީ ވަކިން ޚާއްސަކޮށް އިންފެކްޝަންތައް ޖެހި ޖުމްލަކޮށް ބަލިކަށި ސިއްޙަތެއްގެ ވެރިންނަށް އެދެވިގެންވާ ކަމެއް ނޫނެވެ. ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް ލިބޭފަދަ އެއްޗެހި ކެއުމަކީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، އުމުރުން ދުވަސްވީ މީހުން ޕްރޮޓީންސްއާއި، ވިޓަމިންސްއާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ކާނާ ކާން ވާނެއެވެ. އެގޮތުން ކިރު، އެއްގަމު މަސް، ބިސް، ކަނޑު މަސް، ޕާން، ސީރިއަލް އަދި މޭވާއާއި ތަރުކާރީ ކާން ވާނެއެވެ.
ކޮންމެ ދުވަހަކު އެކައްޗެއް ނުކައި ތަފާތު ކެއުންތައް ކެއުމަކީވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓްސް ލިބިދިނުމަށް އެހީވެދޭ ކަމެކެވެ.
އުމުރުން ދުވަސްވީ މީހުންގެ ކެއުމުގައި ހިކި ކާނާގެ ބާވަތްތައް ހިމަނަންވާނެއެވެ. އެމީހަކީ އެއްފަހަރާ ގިނައިން ކެއުމަށް އުނދަގޫވާ މީހެއްނަމަ މިކަން ވަރަށް މުހިންމެވެ.
ކިރު ފަދަ ޑެއިރީ ޕްރޮޑަކްޓްސްއަކީ ނިއުޓްރިއެންޓްސްއާއި ފެނުން ފުރިގެންވާ ހިކި ކާނާއެވެ.
އުމުރުން ދުވަސްވާ ވަރަކަށް ރަހައާއި ވަހުގެ ހިއްސުތައް ބަލިކަށިވެއެވެ. އެހެންކަމުން ބައެއް ފަހަރު ކެއުން މަތިން ފޫހިވާ ގޮތްވެސް ވެދާނެއެވެ. އެހެންކަމުން ކެއުމުގައި ތަފާތު ކުލަތަކާއި ބައްޓަންތައް ބޭނުންކުރުމަކީ އެފަދަ މީހުން ކާހިތްވާލެއް ބޮޑުވާނެ ގޮތްގޮތެވެ. އަދި ހިއްސުތައް ހޭލެއްވުމަށްވެސް އެހީތެރިވެދޭނެއެވެ.
ފިހާރައަށް ދާން އުނދަގޫވެދާނެ ގަޑިތަކުގައި ކެއުމަށްޓަކައި ކޮންމެވެސް ވަރަކަށް މައިގަނޑު ކާނާގެ ބާވަތްތައް ގަނެފައި ބެހެއްޓުމަކީ އުމުރުން ދުވަސްވީ މީހުންނަށް ލިބިގެންދާނެ ފަސޭހައެކެވެ. ކަބަޑުގައި ރައްކާ ކުރެވޭނެ އެފަދަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރު، މަސްދަޅު، މޭވާއާއި ތަރުކާރީ ދަޅު، ހިކި މޭވާ، ސީރިއަލް ނުވަތަ އޯޓްސް، ބިސްކޯދު، ހަނޑޫ ނުވަތަ ޕާސްތާ، ސޫޕް ޕެކެޓް، ކޮފީ ފަދަ ބުއިންތައް އަދި ޕީނަޓް ބަޓަރު، ޖޭމް، މާމުއި އަދި އަސާރަފަދަ އެހެނިހެން ތަކެތިވެސް ހިމެނެއެވެ.
ކަބަޑުގައި ރައްކާ ކުރާ އެއްޗެހި ރަނގަޅު ގޮތުގައި ބެހެއްޓުމަށް ފްރީޒަރެއްގެ ބޭނުންވެސް ކުރެވިދާނެއެވެ.
މިހާރަކަށް އައިސް ގިނަ ފިހާރަތަކުން އެއްޗެހި ޑެލިވަރީ ކޮށްދޭ ކަމަކީ ފިހާރައަށް ދާން އުނދަގޫވެފައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.