މަރަދޫ އިރުޝާދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އާއިޝަތު ސިގާ ހޮވިއްޖެ އެވެ.
ރޭ ބޭއްވި ސްކޫލްގެ އިނާމް ދިނުގެ ޖަލްސާގައި ސިގާ އަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށް ޖަލްސާގެ ޝަރަފުވެރި މެހުމާން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބެވެ.
ރޭގެ ޖަލްސާގައި ވަނީ މިދިޔަ އަހަރު އެކި ގޮތްގޮތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ގްރޭޑް 10 ސީ ގެ ދަރިވަރު ލޯފަން މުހައްމަދު ނާހިލް އެސްސީސީ އިމްތިހާނުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާތީ އެކަން ފާހަގަކޮށް އޭނާ އަށް ވަނީ އިނާމް ދީފަ އެވެ.
ޝަކީބް ރޭ ވިދާޅުވީ ކުދިންގެ ކިޔެވުމުގެ މަރުހަލާގައި ހުރިހާ ބެލެނިވެރިން ވެސް ވީހާ ވެސް ގިނަވަގުތު ކުދިންނާ އެކު ހޭދަ ކުރުމަކީ ވަރަަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އިރުޝާދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ނާސިރު ރޭ ވިދާޅުވީ ފާއިތުވި އަހަރު އައްޑޫގައި ހިންގާފައިވާ ކުޅިވަރުގެ ބައެއް ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތަކާއި ތައުލީމީ ހަރަކާތްތަކުގައި ސްކޫލް ބައިވެރިވެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ.
އަދި އެޑިޔުކޭޝަން މިނިސްޓްރީން ދޭ ސްކޫލް އެޗީވްމެންޓް އެވޯޑް ވެސް ހާސިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ނާސިރު ވިދާޅުވީ އަމާޒަކީ މި އަހަރު ވެސް ސްކޫލް އެޗީވްމެންޓް އެވޯޑު ދިފާއުކޮށް ޕްރޮގްރެސިވް އެވޯޑް ހާސިލް ކުރުން ކަމަށެެވެ.