އިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫގައި ތަރައްގީ ކުރަމުން އަންނަ ހިތަދޫ އީދިގަލި ކުޅި ސަރަހައްދަށް ހާއްސަކޮށްގެން ހަދާ ވިޒިޓާސް ސެންޓަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ މާލޭގެ ކުންފުންޏެއް ކަމަށްވާ ވީ އަވާ އިންވެސްޓްމަންޓް ކޮމްޕެނީ އެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ ޖޫން 4، 2016 ގަ އެވެ.
ސެންޓަރު އެޅުމަށް ވީ އަވާ އިންވެސްޓުމަންޓާ ހަވާލު ކުރީ 8.2 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އީދިގަލި ކުޅި ތަރައްގީ ކުރުމުގެ މަޝްރޫއަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބެލުމުގެ ދަށުން އައްޑޫ ސިޓީ ކައުންސިލްގެ އެއްބާރުލުން ވެސް ލިބިގެން ހިންގަމުން އަންނަ މަޝްރޫއެކެވެ.
އީދިގަލި ކުޅީގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަށް އެތަން ތަރައްގީ ކުރާ އިރު، އެ ސަރަަހައްދަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ހަދާ ވިޒިޓާސް ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ވަނީ ބައްލަވާލައްވައިފަ އެވެ.
އީދިގަލި ކުޅި ތަރައްގީ ކުރުމުގެ މަޝްރޫއަަކީ އެންވަޔަރަމަންޓް ކުލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީޕެކް) އިން ފަންޑުކޮށްގެން ހިންގާ މަޝްރޫއުއެކެވެ.