މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަނެވޭނީ ހަމައެކަނި މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑް އިން ކަމަށް ހެދުމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މެރީޑިއަމްގެ ފަރާތުން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައެއްގައި އެ ކުންފުންޏާ އެމްޕީއެލްއާއި ދެމެދު ހަދާފައިވާ އެއްބަސްވުމާއި ހިލާފަށް އެހެން ތަންތަނުން ތެޔޮ ސަޕްލައި ކުރަމުން ދާތީ އެއްބަސް ވުމާއި ހިލާފު ވިކަމަށް ކަނޑައަޅައި ދިނުމަށް ހުށައެޅި މައްސަލައިގެ ޝަރީއަތް ވަކިގޮތަކަށް ނިމެންދެން މެރީޑިއަމް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ތެޔޮ ނުގަތުމަށް ހައިކޯޓުން ވަނީ ޕޯޓްސްގެ މައްޗަށް ހުކުމް ކޮށްފައެވެ.
މައްސަލައާއި ގުޅިގެން ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ މެރީޑިއަމް ސާވިސް އާއި ޕޯޓްސް ލިމިޓެޑާއި އެކު 17 އޭޕްރީލް 2016ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި ޕޯޓްސް ލިމިޓެޑްގެ ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލް އަދި ވެސެލްސްތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާކަން އެނގެން އޮތް ކަމަށާއި އެހެންކަމުން މެރީޑިއަމުން ހުށަހެޅި އެމައްސަލާގައި ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުލޫއީ ހައްގެއް ނުވަތަ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.
މައްސަލައިގައި މެރީޑިއަމް އިން އިތުރަށް ކޯޓަށް ހުށައަޅާފައިވަނީ ޕޯޓްސް ލިމިޓެޑް އިން އެކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމާއި ހިލާފަށް އެހެން ތަންތަނަށް ތެޔޮ ސަޕްލައި ކުރުމަށް ދިނުމުން އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށެވެ.