އެމްއެންޑީއެފް ސަދަން އޭރިއާގައި ފަށަން ނިންމި ތަމްރީނު ޕްރޮގްރާމް ގަމުގައި ފަށައިފި އެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ތަމްރީނުތަކަކީ، ސިފައިންގެ އަސްކަރީ ޤާބިލުކަމުގެ ފެންވަރު ދެނެގަނެ، އިތުރަށް ތަރައްޤީ ކުރުމާއި، ސިފައިންގެ މައިގަނޑު ކޮމްޕޯނަންޓުތަކުން އޭރިއާތަކުގައި އޮޕަރޭޝަންތައް ހިންގުމުގައި ޤާބިލުކަން އިތުރުކޮށް، ސިފައިންގެ މަރުކަޒީ ތަމްރީނުތައް ބައްޓަން ކުރުމަށް ބޭނުންވާ މިސްރާބު ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނުތަކެކެވެ. މި ތަމްރީނުތައް އައްޑޫގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން އައްޑޫ ސިޓީގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައިވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި އަސްކަރީ ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ މި އަހަރުގެ ސިފައިންގެ ދުވަހު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ނެރެދެއްވި ދިވެހި ސިފައިންގެ މި އަހަރުގެ ޝިޢާރު ކަމަށްވާ "ތަމްރީނާއި ތަރުބިއްޔަތު-ސިފައިންގެ ބިންގާ" މި ޝިޢާރާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަފާތު ތަމްރީނުތަކުގެ ތެރެއިން ހިންގޭ ޚާއްޞަ ތަމްރީނުތަކެކެވެ.
މުޅި އަހަރު ދުވަހަށް ބަހާލައިގެން، ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގައި މިހާރު ހިންގަމުންދާ ޚާއްޞަ ތަމްރީނުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ސިފައިންނަށް ދެވޭ ތަމްރީނުތަކެކެވެ.
އެމްއެންޑީއެފް ސަދަން އޭރިއާގައި މިހާރު ކުރިއަށްދާ ޚާއްޞަ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފަށް ކަނޑައެޅިފައިވާ މިޝަން އެސެންޝިއަލް ޓާސްކް ތަކުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގަފާނެ ޓެރަރިސްޓް ޢަމަލެއް ހުއްޓުވައި، ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމަށް ހިންގަން ޖެހޭ ޚާއްޞަ އޮޕަރޭޝަންތަކާ ގުޅުންހުރި ތަމްރީނުތައް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ތަމްރީނުތަކުގައި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކަށް ރިޢާޔަތްކޮށް ހިންގާ އަސްކަރީ ފަރިތަކުރުންތަކުގެ އިތުރުން، ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ޤާބިލުކަން އިތުރަށް ތަރައްޤީ ކުރެވޭނެ އެވެ.
ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން ދެމެހެއްޓުމަށް ތަޢުލީމާއި ތަމްރީނު ހޯދައި، ޤާބިލު ހުނަރުވެރި ބައެއްގެ ގޮތުގައި ދެމި ތިބުމަށްޓަކައި އަބަދުވެސް ސިފައިން އަންނަނީ ހުއްޓުމެއްނެތި ތަފާތު ތަމްރީނުތަކާއި ގުޅޭ މަސައްކަތްތައް ކުރަމުންނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރަކީ ސިފައިންގެ ތަމްރީނުތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝިޢާރެއްގެ ދަށުން ސިފައިންގެ ތަމްރީނާއި ތަރުބިއްޔަތަށް ޚާއްޞަ އިސްކަމެއް ދީގެން ޕްލޭންތަކެއް ކުރެވިގެން މަސައްކަތް ކުރެވޭ އަހަރެކެވެ.