ސޮފްޓް ޑްރިންކްތަކުން "ޝުގާ ޓެކްސް" ނުވަތަ ހަކުރުގެ ޓެކްސް ނަގާ ޤައުމްތަކަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ތާއީދުކޮށްފި އެވެ.
އަލަށް އެ ޖަމިއްޔާއިން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި އެފަދަ ބުއިންތަކުގެ އަގު 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑަށް މަތިކުރުމުން އެތަކެތި މީހުން ބޭނުންކުރާ މިންވަރު މަދުވެފައި ސިއްޙަތު ރަނގަޅުވެއެވެ.
މީގެ ކުރިން އެ ޖަމިއްޔާއިން ވަނީ ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިލްތިމާސް ކޮށްފައެވެ. އެހެންނަމަވެސް އެކަމަށް ޓެކްސް ނެގުމަށް ތާއީދުކޮށްފައެއް ނުވެއެވެ.
މެކްސިކޯއާއި ހަންގޭރީފަދަ އެތައް ޤައުމަކުން ވަނީ ވިއްކާ ޕްރޮޑަކްޓްތަކަށް ހަކުރު ޓެކްސް ނަގަން ފަށާފައެވެ.
ދެކުނު އެފްރިކާއިން މިއަންނަ އަހަރު ހަކުރު ޓެކްސް ތަޢާރަފްކުރާނެއެވެ. އަދި އެއީ މުޅި އެފްރިކާ ބައްރުގައިވެސް ހަކުރު ޓެކްސް ނަގަން ފަށާ ހަމައެކަނި ޤައުމެވެ.
ސިއްޙަތު ޖަމިއްޔާއިން ބުނާ ގޮތުގައި އެ ޖަމިއްޔާއިން ބޭނުންވަނީ މީހުން މަދުން ހަކުރު ބޭނުން ކުރުން ކަމަށެވެ. އޭގެ ސަބަބުން މާބޮޑަށް ފަލަވުމާއި، ހަކުރު ބައްޔާއި ދަތްތައް ހަލާކުވުމުން ދުރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން ޤަބޫލުކުރެއެވެ.
އެ ޖަމިއްޔާއިން ބުނާ "ފްރީ ޝުގާ" ގެ ތެރޭގައި ޤުދުރަތީގޮތުން ކިރާއި މޭވާގައި ނުހުންނަ ހުރިހާ ހަކުރުގެ ބާވަތެއް ހިމެނެއެވެ.
އެ ޖަމިއްޔާގެ ނިއުޓްރިޝަން ޑިރެކްޓަރ ޑރ. ފްރެންޗެސްކޯ ބްރެންކާ ވިދާޅުވީ ނިއުޓްރިޝަންއަށް ބަލާނަމަ، މީހުންނަށް އެއްވެސް މިންވަރަކަށް ހަކުރު ބޭނުންކުރަން ނުޖެހޭ ކަމަށެވެ.
އޭނާ ލަފާއަރުވާ ގޮތުގައި ހަކުރު ނަގާ މިންވަރު ހުންނަން ޖެހޭނީ މީހާގެ ހަށިގަނޑަށް ލިބޭ ޖުމްލަ ކެލޮރީގެ 10 އިންސައްތައަށް ވުރެ ތިރީގައެވެ. އަދި އެދެވިގެންވަނީ އެ އަދަދު ފަސް އިންސައްތައަށްވުރެ ދަށުގައި ބެހެއްޓުމެވެ.
އެހެންނަމެވެސް، ޑަބްލިއުއެޗުއޯ އިން ބުނާ ގޮތުގައި ހަކުރު ޓެކްސް ނަގަން ޖެހޭނީ އެއަށްވުރެ ދުޅަހެޔޮ ވައްތަރުގެ ކާއެއްޗެހި ލިބެން ހުންނަ ޕްރޮޑަކްޓްތަކުން ކަމަށެވެ.
އެ ޖަމިއްޔާގެ ހޯދުންތައް ބިނާކޮށްފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ މާހިރުން އެއްވެގެން ބޭއްވި ބައްދަލުވުމަކާއި ލިބެން ހުރި ހެކިތައް ރަނގަޅަށް ދިރާސާ ކުރުމަށްފަހުއެވެ.
އެ ރިޕޯޓްގައި ވާގޮތުން ސަރުކާރުން މޭވާއާއި ތަރުކާރީއަށް ސަބްސިޑީ ދިނުމުގެ ސަބަބުން އެތަކެތީގެ އަގު ދަށްވެ، މީހުން އެތަކެތި ކާ މިންވަރު އިތުރުވެގެން ދާނެއެވެ.
އަދި ހަމަ އެހެންމެ އެފަދަ ޓެކްސްގެ ސަބަބުން ފެޓްސް، ޓްރާންސް ފެޓްސް އަދި ލޮނު ގިނަ އަދަދަކަށް ހުންނަ އެހެން ޕްރޮޑަކްޓްތައްވެސް މީހުން ގަންނަ މިންވަރު ކުޑަވެގެން ދާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.