ވެރިންގެ ތެރޭގައި ވައްކަމާއި ހިޔާނާތާއި މަކަރާއި ހީލަތް ހެދުން ފަދަ ނަހީތައް ހިނގަމުންދާ ނަމަ ކާޑުގެ އަގު ބޮޑުވުން ފަދަ ދަތިތަކާ ގައުމުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނެ ކަމަށް ޝެއިހް އިލްޔާސް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ފޭދޫގައި މިއަދު އިމާމުވެ ދެއްވި ހުކުރު ހުތުބާގައި އިލްޔާސް ވިދާޅުވީ ގައުމުގެ ކޮންމެ ދިމާލަކުުން ވެސް މިހާރު އެންމެ ބޮޑަށް އަޑު އިވެނީ ކާޑުގެ ބާވަތްތައް އަގު ބޮޑުވެގެން ރައްޔިތުން ކަންބޮޑުވުން ފާޅު ކުރާ އަޑު ކަމަށެވެ.
އަދި މީގެ ސަބަބުން ދެން ރައްޔިތުންނަށް ވެގެން ދާނީ ކިހިނެއްތޯ ސުވާލު އުފައްދަމުންދާ ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ﷲ ވޮޑިގެންވާ ހިނދަކު ރައްޔިތުން ބަނޑަށް މަރު ނުވާނެ ކަމަށެވެ. އަދިި ރިޒުގް ތަނަވަސްކޮށް ދެއްވަނީ ހެއްދެވި ފަރާތް ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް މުންކަރާތްތަކާއި ނަހީތަކުން ދުރުގެ ﷲ އެންގެވި ގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ކަމަށާއި މިންވަރަށް އީމާންވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެން ނަަމަވެސް ﷲ އެންގެވި ގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަން ކުރަން ޖެހޭ ކަމަަށް ވިދާޅުވި އެވެ. އެގޮތުން ނަމާދުތަކަށް ސަމާލުވުމާއި ޒަކާތް ދިނުން ފަދަ ދީނުގެ ރުކުންތަކަށް ފުރިހަމަ އަށް ބޯލަނބަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ މުޖުތަމައުން މިހާރު ފެންނަނީ އެންމެ މަތީ ވެރިޔާ އިން ފެށިގެން ވެރިންގެ މެދުގައި ބޮޑެތި ހިޔާނާތާއި މަކަރާއި ހީލަތް ހެދުން ފަދަ އަމަލުތައް ކަމަށެވެ. އަދި މިނެކިރުން ފަދަ ކަންކަމުގައި މަކަރު ހަދާ ނަމަ މުސީބާތްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޝެެއިހް ވިދާޅުވި އެވެ.
މާތް ﷲ ގެ ވަހީ އާއި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި އިލްޔާސް ވިދާޅުވީ ﷲ ގެ ހުކުމްފުޅުތަަށް ފާޅުގައި ދެކޮޅު ހަދައި، އެ ހުކުމްތަކަށް ބަދަލު ގެނެސް ތަންފީޒު ކުރުމަކީ މުސީބާތްތައް ކުރިމަތިވާނެ ކަންކަން ކަމަށެވެ.
އެެހެން ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ހިނގަނީ މިފަދަ ގޮތަކަށް ކަމަށާއި އެެއީ ކަންބޮޑުވާން ޖެހޭ ކަމެއް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމް ދީނާ ހިލާފު ގާނޫނުތައް ހަދައި، ދީނުގެ ހުކުމް ތަންފީޒު ނުކުރުމަކީ ބޮޑެތިވެގެންވާ މުންކަރާތްތައް ކަމަށެވެ.
އިލްޔާސް ވިދާޅުވީ ވިޔަފާރީގެ ނަމުގައި ކެސިނޯތައް ހިންގުމާއި ރާ ވިއްކުމާއި އަންހެނުން އައުރަ ނިވާ ނުކޮށް އުޅުން ފަދަ ކަންކަމަކީ ސައްތަ އިން ސައްތަ މުސްލިމު ގައުމެއް ކަމަށް ދައުވާ ކުރާ ގައުމަކުން ފެނިގެން ދާން ޖެހޭނެ ކަންކަމެއް ނޫން ކަަމަށެވެ.
އަދި މިއީ ތަރައްގީގެ ނަމުގައި ކުރިޔަސް އިސްލާމް ދީނާ ހިލާފު އަދި އާހިރަތުގައި ބޮޑެތި އަޒާބު ލިބިގެންވާ ކަންކަން ކަމަށެވެ.
މިއަދުގެ ހުތުބާ އިލްޔާސް ނިންމައިލެވެއްވީ ދިވެހި ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މުސީބާތްތަކުން މިންޖުކޮށް ދެއްވުން އެދި ﷲ ގެ ހަޟްރަދުގައި ދަންނަވަމުންނެވެ.