ދާރުލްއާސާރެއް ވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަމުން އަންނަ މަރަދޫ "ބޮޑޮގޭ" ގައި މިހާރު ކުރިއަށް ދަނީ ފިނިޝިން ކުދިކުދި މަސައްކަތްތައް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) ވިދާޅުވީ އިމާރާތުގެ މަސައްކަތް މިހާރު ހުރީ ވަރަށް ފުރިހަމަ އަށް ނިމިފައި ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ވެސް ލައި، ލައިޓް ޓެސްޓް ކުރުމާއި ފާރުގެ ފިނިޝަން މަސައްކަތްތައް ވެސް މިހާރު ގާތްގަނޑަށް ނިމިފައިވާ ކަމަށެވެ.
"ތަން ނިމިގެން ބޭނުން ކުރަން ފަށާ އިރު ވަރަށް ފުރިހަމަ ވާނެ،" އޭނާ ވިދާޅުވި އެވެ.
މަރަދޫ ބޮޑު މަގުގައި ހުންނަ މި އިމާރާތް މިހާރު ފެންނަން ހުރީ ވެސް ވަަރަށް ރީތިކޮށެވެ. އިމާރާތުގެ ވަށައިގެން ފާރު ވެސް ރާނައި ފެންްސް ޖަހާފައިވެ އެވެ.
އައްޑޫގެ ތާރީހީ ބިނާއެއްގެ ގޮތުގައި ހުރި ބޮޑޮގެ އާބާތުރަ ފިލުވައި މަރާމާތު ކުރަން ކައުންސިލްގެ ބަޖެޓުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ ބޮޑޮގޭގައި ނަން ބޯޑް ހަރުކޮށް ރަސްމީކޮށް ހުޅުވާނީ އަންނަ މަހުގެ 11 ގައި ކަމަށެވެ.
މި އިމާރާތް ދާރުލްއާސާރެއްގެ އިތުރުން ސެމިނާތަކާއި ޖަލްސާތަކާއި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ފިލްމް ދެއްކުން ފަދަ ކަންކަމަށް ކައުންސިލުން ކުއްޔަށް ދޫކުރާނެ އެވެ. އެތަނުގެ ހޯލްގެ ޖާގައަކީ 137 އެވެ.
ބޮޑޮގޭގެ އިމާރާތުގެ ތިރީގައި ތަނަވަސް ބޮޑު ހޯލެއް އެކުލެވިގެން ވެ އެވެ. އެ ހޯލުގައި ހުންނާނީ އިހުގެ ވައްޓަފާޅި ދައްކުވައިދޭ ލަކުނޑި ގޮނޑި ޖަހައިފަ އެވެ.
ބޮޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންގެ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް އިމާރާތް ކުރި ތަނެކެވެ.
އޭގެ ފަހުން ތަފާތު އެކި ދުވަސްވަރު އެކިއެކި ކަންކަމަށް ބޭނުންކޮށްފައި ވާއިރު ސިއްހީ ހިދުމަތް ދޭ ތަނެއްގެ ގޮތުގަ އާއި މަރަދޫ މަކުތަބާއި އަތޮޅު ގެއާއި މަަރަދޫ ސްކޫލް ރަށު އޮފީސް ހިންގުމާއި ސިނަމާއެއްގެ ގޮތުގައި ވެސް އިމާރާތް ބޭނުންކޮށްފައިވެ އެވެ.