ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާ އިބްރާހިމް ޝުކުރީ 313 މީހުންގެ ސޮޔާ އެކު ކައުންސިލް ފޯމް އެމްޑީޕީ އޮފީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ޝުކުރީ އާ ވާދަ ކުރައްވަން އިތުރު ބޭފުޅަކު އަދި ޕާޓީގެ އޮފީހަށް ފޯމު ހުށަހަޅައިފައެއް ނުވެ އެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުކުރީ އަކީ ސިފައިންގޭގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކޮށްލައިފައިވާ މީހެކެވެ.
އޭނާ ސިފައިންގެއިން ވަކި ކުރީ ސަންދާން އިބްރާހިމް ލުޠުފީ ބަންދުގައި ބަހައްޓައިގެން ރާއްޖޭން ބޭރަށް ބޭސް ފަރުވާއަކަށް ގޮވައިގެން ގޮސް އުޅުމުގެ ތެރޭގައި އިބްރާހިމް ލުޠުފީ ފިލުމާ ގުޅިގެންނެވެ.
ޝުކުރީ ބުނީ ކައުންްސިލް އިންތިހާބަށް ކުރިމަތިލީ ރަށުގެ ކަންކަން ހަރުދަނާ ކުރުމަށް ވަކާލާތު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ޝުކުރީ އަށް އެމްޑީޕީ ޓިކެޓް ލިބިއްޖެ ނަމަ ވާދަ ކުރަން ޖެހެނީ މިހާރު ވެސް އެ ދާއިރާގެ ކައުންސިލަކަށް ހުންނެވި އަލީ މުހައްމަދު (އައްދު) އާ އެވެ.