ހުޅުމީދޫގައި ކުނިކޮށި އަލުން ޕްލޭންކށް އަޕްގްރޭޑް ކުރުމަށް އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާ އެ މަޝްރޫއު ހަވާލު ކުރަން މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީން ބުނީ ކުނި ކޮށީގެ މަސައްކަތް އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ 1.8 މިލިއަން ރުފިޔާއަށް ކަމަށެވެ.
ހުޅުމީދޫގައި ހުރި ކުނިކޮށި އަޕްގްރޭޑްކުރުމަށް ނިންމާފައިވަނީ ވޭސްޓް މެނޭޖްމަންޓް ޕޮލިސީގެ ދަށުން އެރަށަކަށް ބޭނުންވާ ވަރުގެ ކުނިއަޅާ ޖާގައެއް ހިމެނޭ ގޮތަށެވެ.
އެގޮތުން ކުނި ސެގްރިގޭޓް ކުރާ ކޮމްޕާޓްމެންޓްތަކާއި މެޝިނަރީ ބަހައްޓާނެ ބައެއްގެ އިތުރުން ކާދު ހަދާ ތަނެއް ވެސް އެތަނުގައި ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތް ނިންމުމަށް އައިލެންޑް އެކްސްޕްރެސްއަށް ދިނީ 45 ދުވަހުގެ މުއްދަތެކެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ އައްޑޫގެ ކުނި މެނޭޖްކުރުމުގެ ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތަކީ އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކުރުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސަރުކާރުން މިހާޜު ކަނޑައަޅާފައިވާތީ ޑިޒައިން މަސައްކަތްތައް ވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ.
"އައްޑޫ ފުވައްމުލައް ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފަށާނެ،" މިނިސްޓްރު ވިދާޅުވި އެވެ.
އެ ރަށްރަށުން އުފައްދާ ކުނި އެސެންޓަރަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންނަ އަހަރުގެ ތެރޭގައި ލޭންޑިން ކްރާފްޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.