ކަޝްމީރުގެ ހަނގުރާމަވެރިއެއް ކަމުގައިވާ ބުރްހާން ވާނީ އިންޑިއާ ފުލުހުން މަރާލުމާއި ގުޅިގެން ކަޝްމީރުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް މިހާރުމިވަނީ ސަތޭކަ ދުވަސްވެފައެވެ.
އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަންކުރުމަށް ހަނގުރާމަކުރަމުންދާ ހިޒްބުލް މުޖާހިދީން އަށް ނިސްބަތްވާ ޒުވާން ބުރްހާން ވާނީ މަރާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 09 ވަނަ ދުވަހުއެވެ.
ވާނީގެ މަރާއި ގުޅިގެން އިންޑިއާއާ ދެކޮޅަށް ކަޝްމީރުގައި ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ.
1947 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބާރުގެ ދަށުގައި ވާ ކަޝްމީރުގެ ސަރަހައްދުގައި އުފެދިފައިވާ މި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް އާންމުންގެ 91 މީހަކުވަނީ މަރުވެފައެވެ. އަދި އެތައްހާސް ބަޔަކަށް އަނިޔާވެފައިވެއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން މުޒާހަރާތައް މައިތިރި ކުރުމަށް އެކަށީގެންނުވާ ބާރުގެ ބޭނުންކުރަމުން އަންނައިރުވެސް މިހާތަނަށް މުޒާހަރާތައް ހުއްޓުމަކަށް ގެނެވޭގޮތް ވަނީ ނުވެފައެވެ. މުޒާހަރާތަކަށް ހުރަސްއެޅުމަށް އިންޑިއާއިން ވަނީ އެ ސަރަހައްދުގައި މޮބައިލް ފޯނާއި މޮބައިލް އިންޓަނެޓްގެ ހިދުމަތްތަކަށްވެސް ހުރަސްއަޅާފައެވެ.
ކަޝްމީރުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކުން އަޑުއުފުލަމުންދަނީ އިންޑިއާގެ އަތްދަށުން މިނިވަންކަން ހޯދައި ވަކި ދައުލަތެއް ގާއިމްކުރުމަށެވެ. އަދި ބައެއް ފަރާތްތަކުން އިންޑިއާ އަތްދަށުން މިނިވަންކަން ހޯދައި ޕާކިސްތާނުގެ ދަށަށް ދިއުމަށްވެސް ތާއިދުކުރެއެވެ.
ކަޝްމީރުގެ ރައްޔިތުން އިންޑިއާ އަތްދަށުން މިނިވަންވުމަށް އާންމު ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާތާ މިހާރު އަހަރުތަކެއް ވެފައި ވީނަމަވެސް އިންޑިއާއިން އެކަމަށް ދެކޮޅުހަދައެވެ. ޕާކިސްތާނުން އެކަމަށް ތާއިދު ކުރިނަމަވެސް ކަޝްމީރު މިނިވަން ދައުލަތަކަށް ހެދުމަށް ޕާކިސްތާނުންވެސް ބޭނުންނުވެއެވެ. ޕާކިސްތާނުން ބޭނުންވަނީ އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދަކީވެސް ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ.
ކަޝްމީރުގައި އިންޑިއާ ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުގައި އެގައުމުގެ ބައި މިލިއަނަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިއަދަދަކީ މި ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ކޮންމެ 25 މީހަކަށް ސިފައިންގެ މީހަކު ވާވަރުގެ އަދަދެކެވެ.