Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ޕްލާސްޓިކް ނައްތާލަން އިބްރާހިމްދީގެ ޕްރޮގްރާމެއް

އައްޑޫގެ ސްކޫލްތަކާ ގުޅިގެން ޕްލާސްޓިކް ނައްތާލުމުގެ ޕްރޮގްރާމެއް ފަށަން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމްދީދީ ފައްޓަވަން ނިންމަވައިފި އެވެ.

އިބްރާހިމްދީދީ ވަނީ މި މަސައްކަތް ފެށުމުގެ ކުރިން އައްޑޫގެ ބައެއް ސްކޫލްތަކުގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.

ޕްލާސްޓިކް މަދު ކުރުމަށް އިބްރާހިމް ދީދީ މަސައްކަތް ފެއްޓަވާފައިވާ އިރު އޭނާއަށް ވަނީ އައްޑޫގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މާވަހި ޖަމިއްޔާގެ ތިމާވެށި އެމްބެސެޑަރުކަން ދެއްވައިފަ އެވެ.

ޕްލާސްޓިކާއި ދެކޮޅަށް މުޅި ދުނިޔޭގައި ކެމްޕެއިން ކުރަމުން އަންނަ "ޕާލީ ފޯ ދަ އޯޝަންސް" އާއި ރާއްޖޭ ޕްލާސްޓިކް ނައްތާލުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ބީމް" (ބައިއޯޑައިވާސިޓީ އެޑިއުކޭޝަން އެވެއާނަސް މޯލްޑިވްސް) އާއި ގުޅިގެން ކުރިއަށްދާ މި މަސައްކަތާއި ގުޅިގެން އަންނަ އަހަރު ފެށެންވާ އިރަށް އައްޑޫގެ ސްކޫލްތަކުގައި ޕްލާސްޓިކް ޝްރެޑާ ބެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިބްރާހިމް ދީދީ މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އައްޑޫ އަކީ ގުދުރަތީ ގޮތުން ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ޕްލާސްޓިކް މަދު ކުރަންޖެހޭ ކަމަށެވެ.

"މި މަސައްކަތް މި ފެށީ މަދިރި މަދުކުރުމުގެ މަޝްރޫއުގެ ތެރެއިން، ބީމް އާއި މާވަހި އަދި ޕާލީން ލިބުނު ފުރުސަތުގެ ތެރެއިން. މަދިރި މަދުކުރުމުގެ މަސައްކަތް ކުރާއިރު އެބަޖެހޭ ޕްލާސްޓިކް މަދު ކުރަން، މިކަން އެކުއެކީގައި ކުރިވިގެން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމްދީދީ ވިދާޅުވީ ބީމް އާއި ޕާލީ ގުޅިގެން ރާއްޖޭގައި ޕްލާސްޓިކް މަދުކުރުމަށް ބޮޑު މަސައްކަތެއް ކުރަމުން އަންނަ އިރު އެމަސައްކަތުގެ މެދުވެރިއެއްގެ ދައުރު އަދާކޮށް އައްޑޫގެ ސްކޫލްތަކާއި އެ ޖަމިއްޔާތަކާއި ގުޅާލަދޭނެކަމަށެވެ. އަދި ސްކޫލް ދަރިވަރުންނާއި އާއްމުން ހޭލުން ތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރާވަވާފައިވާ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ޕާލީ އާއި އެޑިޑާސް ކުންފުނި ގުޅިގެން ރާއްޖޭގައި އުކާލައިވާ ޕްލާސްޓިކް ބޭނުންކޮށްގެން ބޫޓުތައް ވަނީ ތައްޔާރުކޮށްފައެވެ. އޭގެ މިލިއަނެއްހާ ބޫޓު ވިކިފައިވާކަމަށް ޕާލީން ވަނީ ބުނެފައެވެ.

ޕާލީ އާއި އެކު ރާއްޖޭގައި ހަރަކާތްތެރިވާ ބީމް އިން ދަނީ މާލޭގައި ޕްލާސްޓިކް ނައްތާލުމުގެ ޕްރޮގްރާމް ހިންގަމުންނެވެ. މި ހަރަކާތަށް ގިނަ ބައެއްގެ ތަރްހީބް ދަނީ ލިބެމުންނެވެ.