ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ބަލައިފި ނަމަ، މި ދާއިރާގައި މަަސައްކަތް ކުރާ އައްޑޫ މީހުން ނިސްބަތުން ގިނަ ވާނެ އެވެ. އެެެންމެ ޓޫރިޒަމް ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން ގޮސް މަތީ މަގާމުތަކަށް ހަމައަށް ބެލިޔަސް ފެންނަން އޮތް ހަގީގަތެކެވެ.
އެހެންވެ ވަރަށް ގިނަ ފަހަރަށް އާންމުކޮށް ބުނެ އުޅޭ އަޑު ވެސް އިވޭނެ އެވެ. އައްޑޫ މީހުންނާ ނުލައި ޓޫރިޒަމް ދާއިރާއެއް ނޯންނާނެ އެވެ.
މި ފަހަރު އަނެއްކާ ވެސް ދައްކަން މި އުޅެނީ ޓޫރިޒަމް ދާއިރާގައި މަަސައްކަތް ކުރާ އައްޑޫގެ ފަހުރުވެރި ދަރިއެއްގެ ވާހަކަ އެވެ.
މިއީ މިހާރު ސަން އެކްއަ ވިލުރީފް ރިސޯޓްގެ ޖެނެރަލް މަގާމުގައި ހުންނެވި ހިތަދޫ މުހައްމަދު ހިލްމީގެ ވާހަކަ އެވެ.
އޭނާ އެ މަގާމަށް ވަޑައިގެންނެވީ އޮކްޓޯބަރު 28، 2014 ގަ އެވެ. އޭގެ ކުރިން ހިލްމީ ވަނީ އިންޑޮނީޝިއާގެ އަންގްސާނާ ބިންތަންގައި ދެ އަހަރު ހޮޓެލް މެނޭޖަރެއްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ރިސޯޓެއްގެ މެނޭޖަރެއްގެ މަގާމާ ހަމައަށް އަންނަން ހިލްމީ ވަނީ ދިގު އަދި ކާމިޔާބު ދަތުރެއްކޮށްފަ އެވެ. އޭނާ މިހާރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ހިލްމީ ވިދާޅުވި ގޮތުގައި އޭނާ ވަރަށް ކުޑައިރުއްސުރެ މި ދާއިރާގެ ތެރެއަށް ލޯ ހުޅުވިއްޖެ އެވެ. އެއީ އާއިލާ އާއި ގާތް ވަރަށް ގިނަ ބަޔަކު ފެށުނީއްސުރެ ޓޫރިޒަމް ދާއިރާގައި މަަސައްކަތް ކުރަމުން ގޮސްފައިވާތީ އެވެ.
އުމުރުން ހަ އަަހަރާ ހަމައަަށް އައްޑޫގައި ތައުލީމް ހާސިލް ކުރުމަށް ފަހު، ހިލްމީ ބަދަލުވެ މަތީ ތައުލީމާ ހަމައަށް ކިޔާވާ ވިދާޅުވީ މާލޭގަ އެވެ.
އެ ދުވަސްވަރު އޭނާގެ ބައްޕަ ވެސް ވަޒީފާ އަދާ ކުރައްވަމުން ގެންދެެވީ ރިސޯޓެއްގަ އެވެ. ނަތީޖާއަކަށްވީ ރިސޯޓްގެ މާހައިލު ވަރަށް ކުޑައިރުއްސުރެ ތަޖުރިބާ ކުރެވި، އެ ދާއިރާ އަށް އޭނާގެ ހިތް ޖެހުމެވެ. ލޯބި ޖެހުމެވެ.
ހިލްމީ ވިދާޅުވީ އޭނާ އޯ ލެެވެލް ނިންމާފައި ވެސް ފުރަތަމަ ބޭނުންވީ ޓޫރިޒަމް ދާއިރާ އާ ގުޅޭށެވެ.
"އޯލެވެލް ނިންމާލައި ފުރަތަމަ ވެސް ބޭނުންވީ ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން. އެހެންވެ ހޮޓެލް ސްކޫލާ ގުޅިގެން ޓްރޭނިން ވާން ބޭނުންވީ. އެ ވާހަކަ ފެމިލީ އާ ވެސް ހިއްސާ ކުރިން. އެކަމަކު އާއިލާ އިން ބޭނުންވީ އަޅުގަނޑު އެ ނޫން ދާއިރާއަކުން ކުރިއަށް ދާބް،" ހިލްމީީ ވިދާޅުވި އެވެ. "އެހެން ނަމަވެސް ފަހުން ފެމިލީން އެއްބަސްވެއްޖެ ޓޫރިޒަމް ދާއިރާ އިން ވެސް ކުރިއަށް ދިއުމަކުން މައްސަލައެއް ނެތޭ. އެ ހިސާބުން ދެން ކެރިއާ ފެށުނީ."
ހިލްމީ ވިދާޅުވީ އޭނާ އަށް މިހާރު ވަަޑައިގެންނެވިފައި ހުންނެވި ހިސާބަށް ވަޑައިގެންނެވުނީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީން (ޑީން) ތަނަވަސްކޮށް ދެއްވި ފުރުސަތެއްގެ ސަބަބުންނެވެ.
ޓޫރިޒަމް ދާއިރާ އިން ކިޔަވަން ލިބވަޑައިގެންނެވި ފުރުސަތުގައި ޑީން ހިލްމީ ސްޕޮންސަކޮށް ދެއްވި އެވެ.
"ދެ އަހަރުގެ ޖެނެރަލް ސާވިސް ކޯސް ފުރިހަމަކޮށްފައި އަޅުގަނޑު ފުރަތަމަ ޖޮއިން ކުރީ ބަނޑޮހުގެ ޓެލެފޯން އޮޕަރޭޓަރެއް އަދި ރިސެޕްޝަނިސްޓެއްގެ މަގާމަށް،" 1996 ގެ ހަނދާންތައް އާ ކުރައްވަމުން ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި 20 އަހަރުގެ ތެރޭގައ ގިނަ ކަންކަން ދަސްވެ، ތަޖުރިބާތައް ކުރެވި، ޓޫރިޒަމް ދާއިރާގެ ތެރެއަށް ވަަރަށް ބޮޑަށް ލޯ ހުުޅުވިވަޑައިގެންފައިވާ ކަމަށެވެ.
ހިލްމީ ވަނީ އޭނާގެ ދިގު މި ކެރިއަރުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބްރޭންޑަކާ އެކު މަސައްކަތް ކުރައްވައިފަ އެވެ. ހަމަ އެއާ ވަރަށް ގިނަ ދާއިރާތަކަކުން އޭނާ ވަނީ އަމަލީ ގޮތުން ތަޖުރިބާ ވެސް ހޯއްދަވައިފަ އެވެ.
"އޭގެ ސަބަބުން ހަގީގަތުގައި ވަރަށް ބޮޑަށް ލޯ ހުޅުވި، ދާން ބޭނުންވާ މިސްރާބާ ހަމައަށް ދާން ވަަރަށް ބޮޑު ހިތްވަރަަކަށްވި،" ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ ސަން އެކްއަ ވިލުރީފް ރިސޯޓްގެ ޖެނެރަލް މަގާމުގައި ހުންނަވައިގެން އެންމެ ބޮޑު އަމާޒަކީ ސަން އެކްއާގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރު އަހުމަދު ސިޔާމްގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
"އަޅުގަނޑަށް އިތުބާރުކޮށްފައި ސިޔާމް މި މަގާމަށް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން ބޭނުން،" ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިހާރު އަންނަނީ ވަރަށް ބޮޑަަށް ކުރިއަރަމުން ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރަށް ބަލާ އިރު އެކަން ވަރަށް ސާފުކޮށް ފެންނަމުން އަންނަ ކަމަށް ހިލްމީ ވިދާޅުވި އެވެ.
"ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިހާރު މިއޮތީ ހަމައެކަނި ސޯޝަމް މީޑިއާގެ ތެރެއިން ބެލި ކަމަށް ވިޔަސް ވަަރަށް ބޮޑަަށް ހުޅުވިފައި. އަޅުގަަނޑު ދެކޭ ގޮތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ސަބަބުން އެކަނި ވެސް ޓޫރިޒަމް ދާއިރާ އަށް ކުރިއެރުންތަކެއް އަތުވެއްޖެ،" އޭނާ ވިދާޅުވި އެވެ. "މިހާރު މުޅި ދުނިޔެއާ އެންމެންނާ ކަނެޓްވެފައި މި އޮންނަނީ."
ސޯސް: ހޮޓެލިއާ މޯލްޑިވްސް