ފުލުހުންގެ ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓުގެ ޑިޖިޓަލް އެވިޑެންސް ލެބޯރޓަރީގައި ކުރެވޭ މޮބައިލް ފޯނުގެ ތަޙުލީލުތައް އިތުރަށް ހަރުދަނާކޮށް އަދި ޚިދުމަތް އަވަސް ކުރުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި އުރީދޫން މޮބައިލް ފޯނުތަކެއް ހަދިޔާކޮށްފި އެވެ.
އުރީދޫގެ ފަރާތުން މޮބައިލް ފޯނުތައް ހަވާލުކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހެޑް ހުސައިން ނިޔާޒެވެ.
ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެވަޑައިގެންނެވީ ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢިލް ނަވީނެވެ.
ނިޔާޒު ވިދާޅުވީ ފުލުހުންގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށްޓަކައި އުރީދޫއިން އަބަދުވެސް އެހީތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިވާނެ ކަމަށެވެ. އަދި ފޮރެންސިކް ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި އެހީތެރިވެ ދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަން ފާހަގަ ކުރައްވައި މިފަދަ އިތުރު މޮބައިލް ފޯނުތައް ކުރިއަށް އޮތް ތަނުގައި ވެސް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ މޮބައިލް ފޮރެންސިކްގެ ޚިދުމަތަކީ ފުލުހުންގެ ތަހުޤީޤުތަކުގައި ވަރަށް ބޭނުންތެރި މުހިއްމު ޚިދުމަތެއް ކަމަށެވެ. އަދި އުރީދޫން ހަދިޔާ ކުރި ފޯނުތަކުގެ ސަބަބުން މޮބައިލް ފޯނާ ގުޅޭ ތަޙުލީލުތައް އިތުރަށް ހަރުދަނާވެ، ޚިދުމަތް އަވަސްވުމުގެ ސަބަބުން ތަހުޤީޤުތައް އަވަސްވެގެންދާނެ ކަމަށް ވިދާޅުވެ އުރީދު އަށް ޝުކުރު އަދާކުރެއްވި އެވެ.
ފުލުހުން ބުނީ މި ފޯނުތަކުގެ ސަބަބުން ފުލުހުން ތަހުޤީޤު ކުރާ މައްސަލަތަކަށް ބޭނުން ވާނެ މަޢުލޫމާތު ހޯދާނެ އެންމެ އަވަސް އަދި ކުރު ގޮތްތަކާއި ތަފާތު މޮޑެލްތަކުގެ ފޯނުތަކުން ނެގޭނެ މަޢުލޫމާތުތަކަކީ ކޮބައިކަން ދެނެގަނެ މަޢުލޫމާތު ނެގޭނެ ގޮތްތަކުން ނުވެއްޖެ ނަމަ ދެން މަޢުލޫމާތު ނެގޭނެ އެހެން ގޮތަކީ ކޮބައިކަން ދެނެގަތުމަށް ރިސާޗްތައް ކުރެވިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ފޯނުތަކުގެ ޑާޓާ ނެގުމަށް ރާއްޖޭން ބޭރަށް ނުފޮނުވާ އަވަށް ތަހުލީލުތައް ރާއްޖޭން ކުރެވިގެން ދާނެ އެވެ.