ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި އެހާ ހަރުކަށި ޑައިޓް ޕްލޭން ނުގެންގުޅުނަސް، ރަނގަޅު ބުއިންތައް ބޯނަމަ ބަރުދަން ލުއިކުރެވޭނެ ކަމަށެވެ. އެގޮތުން ތިރީގައި މިވަނީ ދުޅަހެޔޮ ބައެއް ބުއިންތަކެވެ.
1. ފެން
އެއްވެސް ޝައްކެއްވެސް ނެތް ގޮތުގައި ފެނަކީ ހަމަ އެންމެ ރަނގަޅު ބުއިމެވެ. ގިނައިން ފެންބޯ ވަރަކަށް ބަރުދަން ލުއިވާ މިންވަރުވެސް އިތުރުވާނެއެވެ. އަދި ފެނަށް ލުނބޯ ހުތް އަޅައިގެން ބުއިމަކީ އޭގެއިން ލިބޭ ފައިދާ އިތުރުކޮށްދޭ ކަމެކެވެ. ކަސްރަތު ކުރަން ފެށުމުގެ ކުރިން ލުނބޯ ފެން ބޯށެވެ. އެއިރުން ކަސްރަތު ކުރާއިރު މާގިނައިން ފެޓް ވިރާނެއެވެ.
2. ތަރުކާރީ ސޫޕް
ނިއުޓްރިޝަންއިން ފުރިގެންވާ މި ބުއިމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދޭ އެއްޗެކެވެ. ރޭގަނޑު ކެއުމުގެ ކުރިން ތަރުކާރީ ސޫޕްއެއް ބުއިމުން ކެވޭ ކެލޮރީސް މަދުވާނެއެވެ. އެއީ އެ ސޫޕްގެ ސަބަބުން ބަނޑު ހުންނާނީ ކޮންމެވެސް ވަރަކަށް ފުރިފައެވެ.
3. ގްރީން ޓީ
ގްރީން ޓީއަކީ ބަރުދަން ކޮންޓްރޯލްކޮށް ހަށިގަނޑުގައި ގްލުކޯޒް ހުންނަ މިންވަރު ހިފަހައްޓައިދޭ އެއްޗެކެވެ. ދުވާލަކު ދެ ތަށި ގްރީން ޓީ ބުއިމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ގްރީން ޓީއަކީ ތަފާތު އެކިއެކި ބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ ބުއިމެކެވެ.
4. ތަރުކާރީ ޖޫސް
ތަރުކާރީ ސޫޕްއިން ލިބޭ ހުރިހާ ފައިދާއެއް ތަރުކާރީ ޖޫސްއިންވެސް ލިބިދެއެވެ. ގިނަ އަދަދެއްގެ ނިއުޓްރިއެންޓްތަކާއި މިނަރަލްތައް ލިބުމުގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮވެއެވެ. މިއީ ހޫނު މޫސުމުގައިއާއި ފިނި މޫސުމުގައިވެސް ބުއިން ރަނގަޅު އެއްޗެކެވެ. އެހެންނަމަވެސް އޭގައި ސޯޑިއަމް ހުންނަ މިންވަރު މަދުކުރަން ޖެހޭނެއެވެ.
5. ކަޅު ކޮފީ
ކަޅު ކޮފީއަކީވެސް މެޓަބޮލިޒަމް އަވަސްކޮށްދޭ ބުއިމެކެވެ. އެއާއިއެކު ވަރަށް އަވަސް މިނެއްގައި ފެޓް މަދުކޮށްދީ މީހާގެ ހަކަތަ ލެވެލްތައް އިތުރު ކޮށްދެއެވެ. ކަޅު ކޮފީގައި ހުންނަ ކެފެއިންއަކީ އަރާމުކުރާ ވަގުތުތަކުގައިވެސް ކެލޮރީސް ވިރުވައިދޭ އެއްޗެކެވެ. އެހެންނަމަވެސް ހުސްބަނޑާ ބުއިމާއި ދުވާލަކު ދެފަހަރަށްވުރެ ގިނައިން ކަޅު ކޮފީ ބުއިމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ.
6. ސްކިމްޑް ކިރު
ސްކިމްޑް ކިރަކީ ކަށިތައް ވަރުގަދަކޮށްދޭ ލީން ޕްރޮޓީން، ވިޓަމިން ޑީ އަދި ކެލްސިއަމްއިން ފުރިގެންވާ ބުއިމެކެވެ. ސްކިމްޑް މިލްކް ބުއިމުގެ އެންމެ ބޮޑު މަޤްސަދަކީ ކެލޮރީސް އިތުރުނުކޮށް ކޮންމެ ދުވަހަކު ބޭނުންވާ ވަރަށް ވިޓަމިންސް ހަށިގަނޑަށް ލިބިދިނުމެވެ.