ވިސާއާ ނުލައި ދިވެހިންނަށް އެމެރިކާ އަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެ، ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ މީޑިޔާ ކޯޑިނޭޓަރު އަޒްހަރު އަބްދުﷲ ސަޢީދު ފަތުރާފައި ވަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުގެ އިތުރުން ފޮރިން މިނިސްޓްރީ އިން ވެސް ވަނީ، އެމެރިކާއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަން ކަށަވަރުކޮށްދީފައެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް ވިދާޅުވީ، ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައި ނުވާ ކަމަށާއި، އެއީ ކޮންމެ ބަޔަކު ފެތުރި ނަމަވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ބަދަލެއް އައިނަމަ ފޮރިން މިނިސްޓްރީ އިން އެ މައުލޫމާތު ޙިއްސާ ކުރާނެ ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އެއްވެސް ޤައުމެއްގެ ވިސާ ޕޮލިސީއަށް ބަދަލެއް އަންނަ ހާލަތެއްގައި އެކަން މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް ރަސްމީކޮށް އިއުލާނު ކުރާނެ އެވެ.
"ޔޫއެސް ރޭޑިއޯ" ނަމަކަށް ކިޔާ ވެބްސައިޓް އެއްގައި، ޝާޢިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓަކާއި އެކު، މުލިއާގޭގެ މީޑިޔާ ކޯޑިނޭޓަރު އަޒްހަރު ވަނީ ދެ ޓްވީޓެއް ކޮށްފައެވެ.
އެގޮތުން ފުރަތަމަ ކުރި ޓްވީޓްގައި ދިވެހިންނަށް "ނޯ ވިސާ ޕޮލިސީ" ދޭން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. ދެވަނަ ޓްވީޓްގައި، "ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތަށް ތަޢުރީފް ޙައްޤު" ކަމަށް ލިޔެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި، ރައީސް ޔާމީންގެ ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ.
މުލިއާގޭގެ މީޑިޔާ ކޯޑިނޭޓަރ އަޒްހަރުގެ ޓްވީޓަށް ފަހު ގިނަ ބަޔަކު، އެކަމަށް ހަޖޫޖަހަން ފެށުމުން އޭނާ ވަނީ ދެ ޓްވީޓް ވެސް ޑިލީޓްކޮށްފަ އެވެ.
ވިސާ ނެތި އެމެރިކާއަށް ދިއުމުގެ ހުއްދަ ދީފައި ވަނީ އެންމެ 38 ޤައުމެއްގެ ރައްޔިތުންނަށެވެ. އެ ލިސްޓުގައި އޭޝިއާ ސަރަޙައްދުން ހިމެނޭ ހަމައެކަނި ޤައުމަކީ ސިންގަޕޫރެވެ.