ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އަކީ ރާއްޖޭގައި އެންމެ ގިނަބަޔަކު ތާއިދު ކުރާ އެއް ސިޔާސީ ބޭފުޅާކަމާ މެދު ޝައްކެއްނެތެވެ. އެކަމާ ޝައްކު އުފައްދާ ވާހަކަ ދައްކާނީ، އެ ނޫން ގޮތަކަށް ބުނެގެން ގެއްލިދާނެ ސިޔާސީ މަގާމެއްގައި ތިބި މީހުން އެކަންޏެވެ.
ނޫން ނަމަ ރައީސް ޔާމީނަށް ހަގީގަތް އޮޅުވާލުމަށް ގަސްތުގައި ވާހަކަ ދައްކާމީހުން އެކަންޏެވެ. މި ހަގީގަތަކީ ރާއްޖޭގެ ހުރިހާ ފިކުރެއްގެ މީހުންވެސް ދެ ބަސްވުމެއްނެތި ގަބޫލުކުރާނެ ހަގީގަތެކެވެ.
ރައީސް މައުމޫނަށް ތާއިދުކުރާ އެތައްހާސް ބަޔަކު ރާއްޖޭގެ އުތުރުން ދެކުނަށް ފެތުރިފައިވާ ރަށްތަކުގައި އެބަތިބިކަން ޔަގީނެވެ. އަދި އެއީ އެމަނިކުފާނު ދުނިޔެއަށް ނޭވާލާހާ ހިނދަކު އެގޮތުގައި ދެމިއޮންނާނެ ކަމެކެވެ. މިއެންމެންނަކީވެސް އެމަނިކުފާނަށް ދިމާވާ ކޮންމެ ކަމަކާއި ގުޅިގެން އަސަރުކުރާނެ މީހުންނެވެ.
މީހެއްގެ ހިތުގައި އަނެއް މީހާއަށް ދެވޭ އިހްތިރާމާއި ގަދަރަކީ ، އެދެވުނު ސަބަބު ބަދަލު ނުވާހާ ހިނދަކު އެގޮތުގައި ދެމިއޮންނާނެ އެއްޗެކެވެ. މައުމޫނު ދެކެ ދިވެހީން ލޯބިވި ސަބަބު އަދިވެސް އެގޮތުގައި ދެމި އެބައޮތެވެ. މައުމޫނަށް މީހުންކުރާ އިހްތިރާމަށް ބުރޫ އަރާނެ ކަމެއް އެމަނިކްފާނު މިހާތަނަށް އެއިހްތިރާމް ލިބުނުފަހުން ކޮށްފައިނުވެއެވެ.
ކަންތައް ދިމާވަނީ މުޅިންވެސް އެމަނިކްފާނުގެ ތާއިދު އިތުރުވެގެންދާ ގޮތަށެވެ. ސިޔާސީ މަސްރަހުން ފެންނަނީ އިތުރު މީހުން އެމަނިކްފާނުގެ ކޮޅަށް ލަންބުވާލާ ޒާތުގެ ކަންކަމެވެ.
ދާދި ފަހުން ފެނިގެންދިޔަ މަންޒަރަކީ، އެތައްހާސް ބައެއްގެ ހިތްތަކަށް ނުހަނުބޮޑަށް އަސަރުކުރުވި މަންޒަރެކެވެ. ރައީސް މައުމޫން އުފެއްދެވި ސިޔާސީ ޕާޓީއެއް ކަމުގައިވާ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވަން ނިންމުމުން، ސަރުކާރުން ފުލުހުން ނެރެ އެކަމަށް ހުރަސްއެޅި މަންޒަރެވެ.
ވެރިރަށް މާލޭގައި އެފަދަ ހަފްލާއެއް ބާއްވަން އެއްވެސް ފުރުޞަތެއް އެމަނިކްފާނަށް ނުދިނީއެވެ. އެންމެ ފަހުން އަހަރީ ދުވަސް ފާހަގަކުރަން ޖެހުނީ ޖާގައިގެ ގޮތުން ވަރަށްވެސް ދަތިކޮށްހުރި ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގަ އެވެ.
ދިވެހިރާއްޖޭގެ ގިނަބައެއްގެ ލޯތްބާއި އިތުބާރު ލިބިފައިވާ ކުރީގެ ރައީސް މައުމޫން އާމެދު މިހާރުގެ ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށްވެސް ހުތުރުކޮށްކަން ރައީސް މައުމޫންގެ ސިޔާސީ ވާދަވެރިންވެސް ގަބޫލުކުރައްވައެވެ.
ސަރުކާރަކުން ކުރީގެ ރައީސްއަކަށް އިހާނެތިކޮށް ހިތުމުން ކުރާނެ އަސަރާއި ، ރައީސް މައުމޫންގެ ކޮއްކޯފުޅު ރައީސްކަމުގައި ހުންނަވައިގެން އެމަނިކްފާނާ ދޭތެރޭ ކަންތައްތައް ކުރައްވާ ގޮތާ ވަރަށް ތަފާތުވާނެކަން އެންމެން ގަބޫލުކުރެއެވެ. އަދި އަސަރުކުރާނެވަރު ބޮޑުކަންވެސް ގައިމެވެ.
ސަރުކާރުން ރައީސް މައުމޫނަށް ކުރަމުންދާ ޖެއްސުންތަކަށް އިތުރުވެގެންދިޔަ ބޮޅަކީ ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި މުދާތައް ގަދަކަމުން ބޭރުކުރުމަށް ފަހު، ރައީސް މައުމޫނަށް ނިސްބަތްކޮށް އޮފީހުގެ ފާރުތަކުގައި ހުތުރު ބަސްތައް ލިޔުމެވެ.
އެމަނިކްފާނު ހ.ތެމާއަށް ވަޑައިގެންނެވިއިރު ފާރުތަކުގައި އެފަދަ އިބާރާތްތައް ހުރުމުން ވަރަށް އަސަރުކޮށް ހިތާމަފާޅުކުރެއްވިއެވެ. ބައެއް ފާރުތަކުގައި "އޮންނާނީ މައުމޫން އަތުން ޕާޓީ އަތުލާފައި" ލިއެފައިވާއިރު "ދެން ލަލާ" ފަދަ ބަސްތައްލިޔެ އެމަނިކުފާނަށް މަލާމަތް ރައްދުކޮށް ލިޔެފައިވެ އެވެ.
ރައީސް މައުމޫނަށް ސަރުކާރުން ކުރަމުންދާ ޖެއްސުންތަކާއި ހިތާމަ ކުރައްވާމިންވަރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ޝީ ބިލްޑިންގްގައި ބޭއްވި ޕާޓީގެ އަހަރީދުވަސް ފާހަނގަކުރުމުގެ ހަފްލާއިން ފެނިގެންދިޔައެވެ. އެމަނިކުފާނުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހުރުނު މަންޒަރުން މުޅި ގައުމު ލަދުގަންނަވާލި ކަހަލައެވެ.
ކަރުނަ އޮހެރެން ފެށުމާއެކު އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހިތްވަރު ދެއްވި މަންޒަރު ފެނުމުން އިސްއުފުލާލަން ނުކެރި މުޅި ތަން ހުއްޓުންއެރި ވާހަކަ ބައެއް މީޑިޔާތަކުގައިވެސް ރިޕޯރޓް ކޮށްފައިވެއެވެ.
މިއީ އާންމުންނަށް ރައީސް މައުމޫނުގެ ލޮލުން ކަރުނަ އޮހުރުނު މަންޒަރު ފެނިގެންދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުން ސަޕޯޓަރުންނާއި ބައްދަލުކުރެއްވި ފަހަރެވެ. އެފަހަރު އެމަނިކްފާނު ރޮއްވާލީ އާންމުންގެ ތާއިދާއި ލޯބި އޮތްމިންވަރު ފެނިފަ، އެކަމާ ކުރި އަސަރެއްގެ ބޮޑުކަމުން ކަމަށްބެލެވެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.
ރައީސް މައުމޫނަކީ ހިތްވަރުބަލި ބޭފުޅެއް ނޫނެވެ.އެމަނިކްފާނުގެ ދިގު ތިރީސް އަހަރުގެ ވެރިކަންނިމި، އަލަށް އިންތިހާބުވި ރައީސް ނަޝީދަށް ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވީވެސް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މިސާލު ދައްކަވަމުންނެވެ.
އަދި ކީއްތޯއެވެ. ރައީސް މައުމޫނަކީ އާންމުންގެ ތާއިދުނެތް ބޭފުޅެއްވެސް ނޫނެވެ. އެމަނިކްފާނުގެ ދިފާއުގައި ނިކުންނަން ތައްޔާރަށް ތިބި އެތައްބަޔަކު މިގައުމުގަ ތިބޭނެކަން ގައިމެވެ.
ރައީސް މައުމޫން ފެންކަޅިވެފައި ހުންނަ މަންޒަރު ބަލަން ކެތްވާނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދުބަޔަކަށެވެ. އެހެންކަމުން ރައީސް މައުމޫންގެ ލޮލުން އޮހޮރޭ ކަރުނައިގެ އަގު އަދާކުރަ ންޖެހޭ ވަގުތެއް އަންނާނެކަން ގައިމެވެ.