ސަރުކާރުގެ މަސް ކުންފުނި މިފްކޯ ބަނގުރޫޓުވެ، އިނދަޖެހިގެން ދިޔައީ މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިހުމާލުން ކަމަށް އެމްޑީޕީ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޒިންމާ ނުނެންގެވޭ އެފަދަ ބޭފުޅުންނާ މެދު ރައީސް އަބްދުﷲ ޔާމިން އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ޝައިނީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ ކުރިން ރައީސް ޔާމިން އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ހީނަރުވުމުގެ އެންމެ ބޮޑު އަސްލަކީ ޝައިނީގެ ދޯދިޔާ ސިޔާސަތާއި މަސްވެރިކަމުގެ ސިނާއަތު އެއްވެސް ވަރަކަށް ކުރިއެރުވުމަށް މަަސައްކަތް ނުކުރުން ކަމަށެވެ.
"ޑރ. ޝައިނީ އަކީ ހަގީގަތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައި ތައުލީމް ހޯއްދަވައިގެން ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް، މަސްވެރިންނަށް ލުޔެއް ހޯއްދަވައި ދެއްވުމަށް، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން، މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވަން ކުރެވުނު އެއްވެސް ކަމެއް ނެތް،" ޑީޑީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިސްފޯ ބަނގުރޫޓުވާން ދިމާވީ މިނިސްޓަރު ޝައިނީގެ ބާރުގެ ދަށަށް މިފްކޯ ގެނައި ހިސާބުން ކަމަށެވެ. އަދި މިފްކޯގެ ހުރިހާ ބާރެއް މިނިސްޓަރު ޝައިނީ ނެންގެވީ އެތަނުގެ އެތެރެއިން ލިބޭ ނާޖާއިޒް މަންފާތައް އެނގިވަޑައިގަންނަވާތީ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުދެއްތޯ ޖަވާބު، ޝައިނީގެ ބާރުގެ ދަށަށް މިފްކޯ ގެނައި ހިސާބުން އެތަން ބަނގުރޫޓުވެ، ދުވަހަކުވެސް ނާރާވަރަށް ދަރަނި މައްޗަށް ދަރަނި އަރާފަ މިވަނީ،" ޑީޑީ ވިދާޅުވި އެވެ. "އަނެއްކާ އެކަމަށް ޙައްލުހޯދަން ރައްޔިތުން ހިއްސާވާ ކުންފުންޏެއްގެ ދަށަށް، ވަކި ހައްލެއް ލިބިދާނެތޯ ސުވާލު އުފެދޭ."